ފުލުހުންގެ ޔުނީފޯމުގައި ހަރުކުރާ ބޮޑީ ވޯން ކެމެރާ ހޯދުމުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވާ ގޮތުގައި 1400 ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނީފޯމްގައި ހަރުކުރާ ކެމެރާ ބޭނުންވާ ކަމަށާއި ކެމެރާތައް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. އެހެންކަމުން މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ 31 އޮގަސްޓު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
އަދި މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/15,00 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ދެއްކުން އޮންނާނީ އޮންލައިން ޕްލެޓްފޯމް ބަނޑޭރިޕޭ މެދުވެރިކޮށްކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ތިންލައްކަނުވަދިހަ ހާސް ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަސްކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
އަދި މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 3 އޮގަސްޓް 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.









