ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށިގެންދިޔައިރު ހދ.ހިރިމަރަދޫ ސްކޫލްގެ އެއްވެސް ދަރިވަރަކު މިއަދު ސްކޫލަށް ނުފޮނުވައެވެ. ބެލެނެވެރިން ހިތަހަމަނުޖެހޭ ކަންތައްތައް ހުރިކަމަށްބުނެ ބެލެނެވެރިން ވަނީ ކުދިން ސްކޫލަށް ނުފޮނުވާން ނިންމާފައިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވިގޮތުގައި އެރަށު ސްކޫލްގައި މިވަގުތު ހުންނެވި އިންޑިޔާގެ ޕްރިންސިޕަލް ބަދަލުކޮށް ދިވެހި ޕްރިންސިޕަލެއް ސްކޫލަށް ގެނައުމަށް ބެލެނެވެރިންދަނީ ޑިމާންޑްކުރަމުންނެވެ. އަދި ދިވެހި ޓީޗަރުންނާއި ބިދޭސީ ޓީޗަރުންނާ ތަފާތުކުރުން ގެންގުޅޭ ކަމަށާއި، ސްކޫލުގައި މިވަގުތު ތިބި ދުވަސްވީ ޓީޗަރުންނަށް ދަރިވަރުންގެ ފަރާތުން ރަނގަޅު ނަތީޖާއެއް ނުނެރެވި، ދަރިވަރުންނަށް އެއްވެސް ކުރިއެރުމެއް ނުނެރެވުމަކީވެސް ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ހިރިމަރަދޫ ސްކޫލްގައި ދިވެހި ޓީޗަރުން ދުވާލަކު ފަސްގަޑިއިރު ކިޔަވައިދޭންޖެހޭއިރު ބިދޭސީ ޓީޗަރުން ކިޔަވައިދޭންޖެހެނީ ހަފްތާއަކު ފަސްގަޑިއިރެވެ. އެހެންނަމަވެސް ދިވެހި ޓީޗަރުންނަށްވުރެ ބިދޭސީ ޓީޗަރުންގެ މުސާރަވެސް ބޮޑުކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އާއަހަރުގެ ކިޔެވުން ފެށިގެން އައިއިރުވެސް ދަރިވަރުންނަށް ޓެކްސްޓްފޮތް ނުލިބިހުރިކަން ވަހީދު ފާހަގަކޮށްލިއެވެ.
”ސްކޫލްގެ ގިނަ އިންތިޒާމްތައް ހަމަޖެހިފައި ނުވާތީ ބެލެނިވެރިން މިއަދު ދަރިވަރުން ސްކޫލަށް ނުފޮނުވަން ނިންމީ. ބިދޭސީ ޓީޗަރުންނާއި ދިވެހި ޓީޗަރުންނާއި މެދު އެވަރަށް ތަފާތު ކުރުން ގެންގުޅޭއިރު ދަރިވަރުންނަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމަކީވެސް ބެލެނިވެރިންގެ ކަންބޮޑުވުމެއް. އަނެއްކާ ގިނަ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ނުލިބޭއިރު، ބެލެނިވެރިން ޑިމާންޑް ކުރަނީ މިރަށަށް ފެންވަރު ރަނގަޅު ޓީޗަރުން ގެނެސް، އިންޑިއާ ޕްރިންސްޕަލް ބޭރުކޮށް ދިވެއްސެއް އެ މަގާމަށް ގެންނަން“ ވަހީދު ވިދާޅުވިއެވެ.
އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިގޮތުގައި ދިރާސީ އަހަރު ފެށުމުގެ ކުރިން ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކޮށްފައިވެއެވެ. އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކިޔެވުން ފެށޭއިރު އެއްވެސް ދަރިވަރަކަށް ޓެކްސްޓް ފޮތްތައް ނުލިބި ނުހުންނާނެކަމަށާއި ޓެކްސްޓް ފޮތްތަކުގެ ހާޑްކޮޕީ ނުލިބޭ ދަރިވަރުންނަށް ސޮފްޓްކޮޕީ މިހާރު ދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.









