އަންނަ އާދީއްތަ ދުވަހު އޯލެވެލް އިމްތިހާނުގެ ނަތީޖާ ދަރިވަރުންނަށް ދޫކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޖީސީ އޯލެވެލް އިމްތިހާނުގެ ނަތީޖާތައް މިހާރު ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއަދު މެންދުރުނެ ފެށިގެން އެސް.އެސް.ސީ އިމްތިހާނުގެ ނަތީޖާތައްވެސް ސްކޫލްތަކަށް ފޮނުވާނެ ކަމަށެވެ.
މާލެ އަދި އަތޮޅުތެރޭގެ ސްކޫލްތަކުން ބުނާގޮތުގައި މިއަދު ނަތީޖާތައް ސްކޫލްތަކަށް ލިބުނުކަމުގައިވިޔަސް ދަރިވަރުންނަށް އެނަތީޖާތައް ދޫކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުގައެވެ. ނަތީޖާ ދޫކުރެވޭނީ އެކުއްޖަކު އިމްތިހާނުގައި ބައިވެރިވި ސެންޓަރަކުންނެވެ.
ނަމަވެސް އަމިއްލަ ގޮތުން ޓެސްޓް ހެދި ދަރިވަރުންނަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މިއަދު ނަތީޖާ ލިބޭނެއެވެ. އެގޮތުން މިއަދު ހެދުނު 10 އިން ފެށިގެން ނަތީޖާތައް ދަނީ ދޫކުރެވެމުންނެވެ. އަދި މެންދުރު އެކަކުން ފެށިގެން އެސް.އެސް.ސީ އިމްތިހާނުގެ ނަތީޖާވެސް ލިބިގެންދާނެކަމަށް ޑީ.ޕީ.އީ އިން ވަނީ އަންގާފައެވެ.
މިއަހަރު މެއި/ޖޫންގައި ބޭއްވުނު ޖީސީއީ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 1529 ކުދިން ވަނީ ބައިވެރިވެފައެވެ.









