ފޮޓޯއިން ތިޔަ ފެންނަނީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅު ހުރި ގޮތުގެ ތަސްވީރެކެވެ. އެ ކޮޓަރިކޮޅަކީ މާތް ރަސޫލާ އާއި އެކަލޭގެފާނުގެ މިތުރު ދެ އަޞްޙާބުން ފަސްދާނުވެޑުވިފައިވާ ތަނެވެ.
މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނާއި ދެވަނަ ޚަލީފާ ޢުމަރުގެފާނު ފަސްދާނުވެޑުވިފައިވަނީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. މާތް ރަސޫލާގެ އަނބިއަނބިކަނބަލުން ދިރިއުޅުއްވި ކޮޓަރިކޮޅުތަކަށް [ޙުޖުރާތު] މިނަމުން ނަންކިޔިގެންވެއެވެ.
މާތް ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ދެ އަނބިކަނބަލުން ތިއްބެވިއެވެ. އެއީ ސައުދަތުގެފާނާއި، ޢާއިޝަތުގެފާނެވެ. އެ ދެ ބޭކަނބަލުންނަށް މަސްޖިދުއްނަބަވީއާ އިންވެގެން ދެ ކޮޓަރިކޮޅު ބިނާކޮށް ދެއްވިއެވެ. އެއަށްފަހު ޙަފްޞަތުގެފާނާ ކާވެނި ބެއްލެވުމަށްފަހު އެކަމަނާއަށް ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ދެކުނު ފަރާތުގައި ކޮޓަރިކޮޅެއް ބިނާކޮށްދެއްވިއެވެ.
އެކަލާގެފާނު ކާވެނިބެއްލެވި ބޭކަނބަލުންގެ ތެރެއިން ކޮންމެ ބޭކަނބަލަށް ކޮޓަރިކޮޅެއް ބިނާކޮށްދެއްވިއެވެ. މީގެ ކޮންމެ ދެކޮޓަރިކޮޅެއް ދެމެދުގައިވަނީ ކިރިޔާ މީހަކަށް ހިނގާލާފަ ދެވޭ ވަރުގެ ހަނިމަގެކެވެ. މި ކޮޓަރިކޮޅުގެ ކައިރިކަމުން އެއްކޮޓަރިކޮޅުގައި ތިއްބަވައިގެން އެއްބޭކަނބަލަކު އަނެއް ބޭކަނބަލަކާ ވާހަކަފުޅު ދައްކަވައެވެ.
އެގޮތަށް ތިއްބަވައިގެން ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނު ވަރަށް ގިނައިން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަފުޅު ދައްކަވައެވެ.އެ ކޮޓަރިކޮޅުގައި ހުރެ މީހަކު އަތް އުފުލައިލައިފިނަމަ ފުރާޅުގައި އަތް ޖެހޭވަރުވެއެވެ. ހިޖުރައިން އެގާރަ ވަނަ އަހަރު މާތް ރަސޫލާ ސުވަރުގެވަޑައިގަތުމުން ފަސްދާނުވެޑުވުނީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. އެކަލޭގެފާނު ފަސްދާނުވެޑުވުމަށް ތައްޔާރު ކުރުމަށްޓަކައި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި ހުރި ބައެއް ފަރުނީޗަރު ނެރެން ޖެހުނެވެ.
އޭގެ ދެ އަހަރުފަހުން އަބޫބަކުރުގެފާނު އަވަހާރަވުމުން އެކަލޭގެފާނުވެސް ފަސްދާނުވެޑުވުނީ އެކޮޓަރިކޮޅުގައެވެ. މާތް ރަސޫލާގެ އަރިހުގައެވެ. އޭގެ ދިހަ އަހަރުފަހުން ޢުމަރުގެފާނު ޝަހީދުވުމުން އެކަލޭގެފާނުވެސް ފަސްދާނުވެޑުވުނީ އެކޮޓަރިކޮޅުގައެވެ. އޭގެ ތިންބޭކަލުން ފަސްދާނުވެޑުވުމަށްފަހުވެސް ޢާއިޝަތުގެފާނު ދިރިއުޅުއްވަމުން ގެންދެވީ އެކޮޓަރިކޮޅުގައެވެ.
ނަމަވެސް ޢުމަރުގެފާނު ފަސްދާނުވެޑުވުމުން މަހާނަފުޅު ހުރިތަނާ އެކަމަނާ ދިރިއުޅުއްވަމުން ގެންދެވިތަން ފޮޓޯއިން އެ ފެންނަގޮތަށް ވަކިކޮށްލެއްވިއެވެ. އެއީ ޢުމަރުގެފާނަކީ އެކަމަނާގެ މަހުރަމަކަށްނުވެފައި، އެކަމަނާ އެކަލޭގެފާނަށް އިޙްތިރާމުކުރައްވާލެއް ބޮޑުކަމުންނެވެ.
އޭގެ ތިންބޭކަލުން ފަސްދާނުވެޑުވުމަށްފަހު، އެކޮޓަރިކޮޅުގައި ހަތަރުވަނަ މީހަކު ވަޅުލާނެ ޖާގަ އޮތެވެ. ކުރީން ޢާއިޝަތުގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ އެކަމަނާގެ ފިރިކަލުން މާތް ރަސޫލާ އާއި ބައްޕާފުޅު އަބޫބަކުރުގެފާނުގެ އަރިހުގައި އެކަމަނާ އަވަހާރަވުމުން ފަސްދާނުވެޑުވުމަށެވެ. ނަމަވެސް އެކަމަނާ އަވަހާރަވުމުގެ ކުރީން އިބްނު ޒުބައިރަށް ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމަނާ އަވަހާރަވުމުން ބަޤީޢުގައި މާތް ރަސޫލާގެ އެހެން އަނބިއަނބިކަނބަލުންގެ އަރިހުގައި ފަސްދާނުވެޑުވުމަށެވެ.
ފަހަރުގައި އެއީ އެތަނުގައި ޢުމަރުގެފާނު ފަސްދާނުވެޑުވުމުން އެކަލޭގެފާނަކީ އެކަމަނާގެ މަހުރަމެއްކަމުގައި ނުވާތީ ނިންމެވި ނިންމެވުމެއްކަމުގައި ވެދާނެއެވެ.ކޮންމެއަކަސް، ޢާއިޝަތުގެފާނު ދުނިޔޭގައި އިންނެވި ހާ ދުވަހު އެކަމަނާ އިންނެވީ އެކޮޓަރިކޮޅުގައެވެ. މަހާނަފުޅުތަކާއި ވަކިކޮށްލެވިފައިވާ ކުޑަކުޑަ ޖާގައިގައެވެ.
ފޮޓޯއިން އެފެންނަ އެނދުދާންކޮޅު އެހުރީ އެކަމަނާ ދިރިއުޅުއްވި ބައިގައެވެ. މާތް ރަސޫލާއަށްފަހު ސާޅީސް ހަތް އަހަރު ދުނިޔޭގައި އިންނެވުމަށްފަހު ޢާއިޝަތުގެފާނު އަވަހާރަވީ ހިޖުރައިން 58 ވަނަ އަހަރުގައެވެ.
އަދި މިނޫނަސް ވަރަށް ގިނަ ޝައުޤުވެރި މައުލޫމާތު މި ލިންކުގައި އެބަހުރި. މާތް ރަސޫލާގެ މިސްކިތްކޮޅު ބޮޑުކުރެއްވުމާއި، އެކިއެކި ވެރިކަމުގައި މާތް ރަސޫލާ ފަސްދާނުވެޑުވުފައިވާ ކޮޓަރިކޮޅު ބިނާކުރައްވައި އާބާތުރު ފިލުއްވި ގޮތާއި، އެކަލޭގެފާނުގެ ހަށިކޮޅު ވަގަށް ނެގުމަށް އިސްލާމްދީނުގެ ހަތުރުން ކުރި މަސައްކަތްތައް ބަޔާންކޮށްފަ އެބަހުރި. މަތީގައި ހުރި މައުލޫމާތު ނެގީ ތިރީގައި މިވާ ލިންކުން. ކިޔާލައްޗޭ. ވަރަށް ޝައުޤުވެރި ވާހަކަ އެބަހުރި. https://hajjumrahplanner.com/prophet-muhammad-grave/











