ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިކަމށް އިޝާރާތް ކުރައްވާފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓް އެއްގައެވެ. ރައީސް މައުމޫން ގެ މެސެޖުގައި ވިދާޅުވެފައިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭކަމުގައެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފައިވާކަމަށާއި އެހެންކަމުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ކޯވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފި. ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ @HPA_MV
— Maumoon Abdul Gayoom (@maumoonagayoom) August 21, 2021
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ހަރުކަށި ހަރުދަނާ ފިޔަވަޅުތަކަށް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދެެއްވާފައެވެ. ދިވެހި ސަރުކާރުން ރައްޔިތުންނަށް އެ ލުއިތައް ދެއްވާފައި މިވަނީ، ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރެވި ގިނަ ޢަދަދެއްގެ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމާއި ގުޅިގެންކަން ފާހަގަ ކުރެވެއެވެ.









