ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލަރުންނާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި، ކައުންސިލުންވަނީ ދިގުރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި، ދިގުރަށު ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވައިފައި ކަމަށެވެ.
އެގޮތުން، ޓުއަރިޒަމް ރަށުގައި ވަރަށް ބޮޑަށް ފުޅާވަމުންދާތީ ހެލްތު އެންޑް ސޭފްޓީއަށްޓަކައި ތަމްރީނު ވެފައިތިބޭ މީހުން ބޭނުންވާކަމަށާއި، ހެލްތު ސެންޓަރަށްވެސް އެކަމަށް ޙާއްޞަ އިތުރު ފެސިލިޓީސް ބޭނުންވާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ ބަނދަރުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާ ރަށުގެ ސްކޫލަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ފެސިލިޓީތައް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ތަފްޞީލުކޮށް އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ރަށުގައި އޭ ލެވެލް އުފެއްދުމަށް ބޭނުންވާކަމަށާއި، ޔޫތު ސެންޓަރެއް ހެދުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން އެއްވެސް ރަށެއް ބަކީ ނުކޮށް ތަރައްޤީގެ މަޝްރޫޢު ހިންގުމުގައި ރަށުގެ ކައުންސިލްރަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ހަމަ އެގޮތަށް އެރަކަށް ވެފައިވާ ވަޢުދެއް ފުއްދުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ކައުންސިލުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތައް އެކަމާ ގުޅޭ މިނިސްޓްރީތަކާއި ވާހަކަދައްކަވައިގެން ވީ އެންމެ އަވަހަކަށް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެތެރެއިން ކައުންސިލްގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު، ކައުންސިލުން އިސްނަގައިގެން ސްކޫލުކުދިންގެ ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަށާއި ފަތަން ދަސްކޮށްދިނުމަށް ޙާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ. އަދި ކުޑަކުދިންގެ ސަލާމަތާއި، ރައްކާތެރިކަމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވައި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ކޮންމެ ކުއްޖަކަށްވެސް އުފާވެރިކަމާއެކު އުޅެވޭނެފަދަ މާހައުލެއް ޤާއިމުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުން ދިގުރަށުގައި ޓުއަރިޒަމްގެ ދާއިރާ ފުޅާވަމުންދާއިރު އެޗް.ޕީ.އޭގެ ޤަވާޢިދުތަކަށް ބަލައި ޤަވާޢިދުގެ ތެރެއިން ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ބައްދަލުކުރެއްވުމުގައި ވިދާޅުވިއެވެ.









