“ދުނިޔެ އަކީ މުއުމިނުންގެ ހުރަގެއެވެ. އަދި ކާފަރުންގެ ސުވަރުގެއެވެ.”
ދުވަސްވަރަކީ އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ މިސްރުގައި ޤާޟީކަމުގައި ހުންނެވި ދުވަސްވަރެވެ.
އެއްދުވަހަކު އެކަލޭގެފާނު ބާޒާރުގެ ތެރެއިން އެކަލޭގެފާނުގެ ސަވާރީކޮޅުގައި ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ ވަރަށް ހައިބަތުހުރި ހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ. ދެން އެކަލޭގެފާނު ވަޑައިގަންނަވަނިކޮށް އެތަނުގައި އޭނާ ކުރާ މަސައްކަތުގެ ސަބަބުން ހެދުން ހަޑިވެފައިވާ ހޫނު ތެޔޮވިއްކަން ހުރި ޔަހޫދީންގެ މީހަކަށް ފެނުނެވެ.
އެޔަހޫދީންގެ މީހާ އިބުނު ޙަޖަރު ރަޙިމަހުﷲ ސަވާރުވެ ވަޑައިގެން އިންނެވި ސަވާރީކޮޅުގެ ލަގަނުގައި ހިފައިފައި އެބަ ބުނެއެވެ.“އޭ ޝެއިޚުލް އިސްލާމްއެވެ. ތިޔަބޭކަލުންގެ ނަބިއްޔާ(ޞައްލަﷲ ޢަލައިހި ވަސައްލަމަ) ”ދުނިޔެ އަކީ މުއުމިނުންގެ ހުރަގެޔޭ އަދި ކާފަރުންގެ ސުވަރުގެ ކަމަށް“ ޙަދީޘްފުޅު ކުރެއްވިކަމަށް ކަލޭގެފާނު ވިދާޅުވަމެއްނޫންތޯއެވެ؟ އެހެންވީމާ ނިކަން ވިދާޅުވެ ބައްލަވާށެވެ.
ކަލޭގެފާނު ތިޔައިންނެވީ ކޮންފަދަ ހުރަގެޔެއްގައިތޯއެވެ؟ އަދި އަޅުގަނޑު މިހުރީ ކޮންކަހަލަ ސުވަރުގެޔެއްގައިތޯއެވެ؟“ އެހިނދު އިބުނު ޙަޖަރު ރަޙިމަހުﷲ ޔަހޫދީމީހާއަށް މިފަދައިން ޖަވާބު ދެއްވައިފިއެވެ.
”ﷲ ސުބުޙާނަހޫ ވަތަޢާލާ އާޚިރަތުގައި ތައްޔާރުކޮށްދެއްވާފައިވާ ނިޢުމަތްތަކާއި އަޅާބަލާއިރުގައި (އެނިޢުމަތްތަކުގެ ބޮޑުކަމުގެ ސަބަބުން) އަހަރެންމިވަނީ މިދުނިޔޭގައި ޖަލެއްގައިފަދައިންނެވެ. އަދި ކަލެޔާމެދުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އާޙިރަތްދުވަހުން ތައްޔާރުކުރައްވާފައިވާ އަޒާބުތަކާ އަޅާބަލާއިރުގައި ކަލޭތިޔަވަނީ ދުނިޔޭގައި ސުވަރުގެޔެއްގައި ވާފަދައިންނެވެ.“
ދެންފަހެ އިބުނު ޙަޖަރު ރަޙިމަހުﷲ މިހެންވިދާޅުވުމާއި އެކު ޔަހޫދީ މީހާއަށް އެކަލޭގެފާނުގެ މުރާދު ވިސްނި އެވަޤުތުން ވަޤުތަށް އިސްލާމް ވެއްޖެއެވެ.
ވާހަކައިގެ މަސްދަރު: ފައިޟުލް ޤަދީރުއިމާމު މަނާވީ ރަޙިމަހުﷲ ލިޔުއްވާފައިވާ ޖާމިޢުއް ސަޤީރުގެ ޝަރަޙަ، ޖާމިޢުއް ޞަޣީރަކީ އިމާމު ސުޔޫޠީ ރަޙިމަހުﷲ ޖަމާކުރައްވާފައިވާ ހަދީޘްފޮތެކެވެ.
أبو عبد الله عبد الرحيم المدني











