Search Streamline Icon: https://streamlinehq.com

އެމްޑީޕީ ޤަޢުމީ މަޖިލިސް އިންތިޚާބުގައި މަޚްލޫފް ވާދަކުރާނެ

Makhloof

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އެމްޑީޕީއިން ދެއްވައިފި އެވެ.

އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި މަޚްލޫފް ވާދަކުރައްވާނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމުގެ މަޤާމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، ފޯމު ހުށަހަޅުއްވާފައި ވަނިކޮށް މަޚްލޫފަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް އެ ޕާޓީން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ނިންމައިފައެވެ.

އެމްޑީޕީން މަޚްލޫފުގެ ކެންޑިޑަސީ ބާތިލުކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަޚްލޫފަށް ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާތީ ޝަރުތު ހަމަނުވާ ކަމަށް ބުނެއެވެ. އެ ނިންމުން މުރާޖައާކޮށްދޭން އެމްޑީޕީގެ މައްސަލަ ބަލާ ކޮމިޓީއަށް ވެސް މަޚްލޫފް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ކޮމިޓީން ނިންމީ މަޚްލޫފުގެ ކެންޑިޑެންސީ ބާތިލުކުރަން ނިންމާފައިވަނީ ރަނގަޅަށް ކަމުގައެވެ.

މަޚްލޫފު ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް މިކަމުގައި އީސީން ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމަށް އާ ޝަރުތެއް ކަނޑައެޅޭނީ ޕާޓީގެ އަސާސީ ޤަވާޢިދު އިޞްލާޙްކޮށްގެން ނުވަތަ އަސާސީ ޤަވާޢިދުން ބާރުލިބިގެން ހަދާ ޤާނޫނަކުން ކަމުގައެވެ.

އެންމެ ފަހުން މަޚްލޫފް އެ މައްސަލަ ހުށަހަޅުއްވާފައިވަނީ އެމްޑީޕީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށެވެ. އެ މައްސަލައިގައި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ އެ ނިންމުމަކީ އެމްޑީޕީގެ އަސާސީ ޤަވާޢިދާއި އިންތިޚާބުތަކާ ބެހޭ ޤަވާޤިދާ ޚިލާފު ނިންމުމެއް ކަމުގައެވެ.

މީގެ ކުރިން އެމްޑީޕީންވަނީ މަހުލޫފްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް ނިންމާފަ އެވެ.

ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން އަކްރަމް ކަމާލުއްދީން އެދިވަޑައިގަތުމުން އެންޑީޕީއިން ވަނީ އަކްރަމް އަށް އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު އަލުންދެއްވާފަ އެވެ.

އެމްޑީޕީން ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި މަރު ކޮމިޝަނުން ބަލަމުންގެންދާ އެއްވެސް މައްސަލައަކާއި ގުޅުންހުންނަ އެއްވެސް މީހަކަށް އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭގޮތަށް ނިންމާފައެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފްގެ މައްޗަށް ޚިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިިންމުމުގެ މައްސަލަ ޕީޖީ އޮފީހުގައި އޮތްއިރު އެމައްސަލައިގައި މަޙްލޫފްގެ މައްޗަށް ދައުވާ ކޮށްފިނަމަ ދައުލަތް އޮރިޔާންވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *