ރާއްޖެގައި މަސްތުވާތަކެތީގެ މައްސަލަ މިހާރު މިވަނީ ވަރަށް ބޮޑުވެފައި ކަމަށާއި އެތަކެތި އެތެރެކުރާ މީހުން މަރާލަން ޖެހުނަސް މިކަންތައް ހުއްޓުވަންޖެހޭކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ރޭ އާންމުންގެ ޚިޔާލު ވެސް ފާޅުކުރެވޭ ގޮތަށް މަސްތުވާތަކެއްޗާ ގުޅޭ ގޮތުން އުމަރުގެ ސިޔާސަތު ހާމަ ކުރަން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެއަކީ މިހާރު އިރާން ޕާކިސްތާން ފަދަ ޤައުމުތަކަށް މަސްތުވާ ތަކެތި އެތެރެކުރާ ޓްރާންޝިޕްމަންޓަކަށް ވެފައިވާ ކަމަށެވެ.
”އިރާން، ޕާކިސްތާނު ފަދަ ގައުމުތަކުގެ ޑްރަގް ޓްރާންޝިޕްމަންޓް ބަނދަރަކަށް ދިވެހިރާއްޖެ ބަދަލުވެއްޖެ، ޕާކިސްތާނާއި އަފްޣާނިސްތާނާއި އިރާން ފަދަ ގައުމުތަކުން އެހެން ގައުމުތަކަށް މަސްތުވާތަކެތި މި ގެންދަނީ ވެސް ރާއްޖެއަށް އެ ތަކެތި އެތެރެ ކުރުމަށް ފަހު،“ އުމަރު ވިދާޅުވިއެވެ.
އަދި މިކަންތައް ހުއްޓުމެއްނެތި ގިނަވަމުންދަނީ ރާއްޖޭގެ ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންގެ ސަބަބުންކަމަށާއި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ސަލާމަތްކުރުމަށް ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވަމުންގެންދާ ކަމަށް އުމަރު ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު މިފަދަ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރިނަމަވެސް ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ލީޑަރުން އަދި ވިޔަފާރިވެރިންގެ ނުފޫޒު ގަދަކަމުން އެކަމަށް ހައްލެއް ގެނެސްނުދެވުނީކަމަށް ފާހަނގަކުރެއްވިއެވެ. އެމީހުން މަރައިގެން ނަމަވެސް މިމައްސަލަތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ތިބީ ތައްޔާރަށް ކަމަށާއި އުމަރުގެ ވެރިކަމެއްގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރާނެކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.









