ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މައްޗަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އޭސީސީން ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝިފާއު މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ވެމްކޯއިން ބޭނުންކުރަމުންދާ ”ވެށިފާރަ“ ސޮފްޓްވެއާ ޑިވެލޮޕްކުރަން ހަވާލުކުރީ އިއުލާނު ކުރުމެއް ނެތި ކަމަށް ބުނާ މައްސަލާގައެވެ.
އޭސީސީން ބުނެފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް ހޯދުމުގެ މަސައްކަތް ވެމްކޯއިން ހަވާލުކޮށްފައިވަނީ އިއުލާން ނުކޮށް އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ކަމަށެވެ. އަދި މިކަން ހިންގި އިރު ވެމްކޯގެ އެމްޑީގެ މަގާމުގައި ހުރީ މުހައްމަދު ޝިފާއު ކަމަށާ ނޮނި ސޮލިއުޝަންގެ އޯނާ އާއި މުހައްމަދު ޝިފާއު އާ ގާތް ގުޅުން އޮންނަކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީ އިން ވަނީ ބުނެފައެވެ.
އޭސީސީއިން އިތުރަށް ބުނެފައިވަނީ ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނާގެ އެކައުންޓުން މުހައްމަދު ޝިފާއުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ. މީގެ އިތުރުން ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުން ކަމަށް ވީނަމަވެސް ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުސޫލާ ހިލާފަށްކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.









