ލޯންޗު ބަނޑުން ޖާހާލި ހާދިސާގައި ކަނޑަށް ގެއްލުނު ކުޑަ ކުއްޖާ އަދިވެސް ނުފެންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނެފިއެވެ.
އިއްޔެ ހަވީރު 16:00ގައި މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ލޯންޗަށް ދިޔަވެ ލޯންޗްގައި ތިބި މީހުންގެ ތެރެއިން ތިން މީހުން ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓު ކައިރިން އިއްޔެ ހަވީރު 17:00 ކަންހާއިރުއެވެ. އެ ހާދިސާގައި ލޯންޗުން ދަތުރު ކުރި 12 މީހުންގެ ތެރެއިން 3 މީހުން ކަނޑުވިއެވެ. އެއީ 7 އަހަރުގެ ކުއްޖަކާއި، 4 އަހަރުގެ ކުއްޖެއްގެ އިތުރުން އެކުދިންގެ މަންމަ އެވެ. އޭގެ ތެރެއިން ކުއްޖާގެ މަންމަ ނިޔާވެފައިވާއިރު، 4 އަހަރުގެ ކުއްޖާ ވަނީ ގެއްލިފައެވެ.

އެމްއެންޑިއެފުން ބުނީ މޫސުމް ގޯސްވުމުގެ ސަބަބުން އިއްޔެ ހަވީރު ލޯޗެއް ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ތުއްތު ކުއްޖާ އަދިވެސް ނުފެންނަ ކަމަށާ، ހޯދުމުގެ މަސައްކަތް ހުއްޓާކުލާ ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް އެސަރަހައްދުގެ 10 ސްކޮއަރ ކިލޯމީޓަރު ބެލިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑިއެފުން އިތުރަށް ބުނީ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން އަންނައިރު، އެކުއްޖާ ހޯދުމުގައި އެސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އެގޮތުން އެކުއްޖާ ލައިގެން ހުރީ ކަޅު ޓީޝާޓެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށާ، ކުއްޖާއާއި ގުޅޭ އެއްވެސް ޚަބަރެއް ވާނަމަ އެމްއެންޑީއެފަށް ރިޕޯޓު ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.









