ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ކަނޑަށް ގެއްލުނު ކުއްޖާ މިހާތަނަށްވެސް ފެނިފައިނުވާތީ، ހޯދުމުގެ މަސައްކަތް ހުއްޓާލައިފިކަމަށް މޯލްޑިވިސް ޑިފެންސްފޯސް (އެމްއެންޑީއެފް)ން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ އޮކްޓޯބަރު 16 ވަނަ ދުވަހު ”ޑްރީމް ލޯންޗަށް“ ރާޅެއް އަރައި ކުޑަކުއްޖަކު ގެއްލުނު ހާދިސާގައި ކޯސްޓްގާޑުން މިހާތަނަށް ކަނޑުމަގުންނާއި ވައިގެ މަގުން 4706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ. އަދި ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައި ނުވާތީ، ސާރޗްވަނީ ސަސްޕެންޑު ކުރެވިފައިކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5:00 ހާއިރު އައި ކޮޅިގަނޑެއްގެ ތެރޭ ރާޅުގައި ޖެހި ކ. އޮޅުވެލިފުށި ރިސޯޓް ކައިރިއަށް ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ކަނޑަށް ވެއްޓުނު 3 މީހުންގެ ތެރޭގައި ގެއްލިފައިވަނީ އުމުރުން 4 އަހަރުގެ ފިރިހެންކުއްޖެކެވެ. އެ ކުއްޖާގެ މަންމަ ވަނީ އެ ހާދިސާގައި ނިޔާވެފައެވެ.









