ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެއްޖެނަމަ ވަޒީފާ އިން ވަކިކުރެވޭ ގޮތަށް ސިވލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓުކޮށްފިއެވެ.
ދިވެހި ސިވިލް ސާވިސްގެ ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވިޔަސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައި ވާއިރު ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
އިސްލާހުގައި ބުނާގޮތުން މުވައްޒަފެއް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާއިރު ވަކި ފަރާތަކަށް ޖެހި ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އެ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާއިން ވަކިކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
މީގެ އިތުރުން މުވައްޒަފަކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް މިންވަރަކަށް ސިޔަސީ ތަފާތުކުރުމެއް ގެންގުޅޭނަމަ، އެއްވެސް އެންގުމަކާއި ނުލައި ވަގުތުން މުވައްޒަފު ވަޒިފާއިން ވަކި ކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ވަނީ ކަނޑައަޅާފައެވެ.









