Search Streamline Icon: https://streamlinehq.com

ފިލިޕީންސްގައި ހާލުގައި ޖެހުނު ދަރިވަރުންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެނީ

Polish 20211220 185157628 850x548

ފިލިޕީންސަށް އެރި ތޫފަން ”ރާއީ“ގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް އެއްމަސް ދުވަހަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

ފިލިޕީންސް ސަރުކާރުން ވިދާޅުވި ގޮތުގައި އެޤައުމު އާންމު ހާލަތަށް ގެނެސް ފެނާއި ކަރަންޓުގެ ޚިދުމަތް އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ. އެހެންކަމުން އަސާސީ ޚިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށް ޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް އެކުދިންނަށް އެއްމަސް ދުވަހުގެ މާލީ އެހީއެއް ދިނުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމާފައެވެ.

ތޫފާން ”ރާއީ“ގެ ސަބަބުން ފިލިޕީންސްގެ ސޭބޫ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަތަނުގެ ސީލިންގަނޑު ވެއްޓި ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ދިވެހި ދަރިވަރުން ތިބީ ހާލުގައި ޖެހިފައެވެ.

ދިވެހި ދަރިވަރުން ދިރިއުޅެމުންދިޔަ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާއި ކަރަންޓުގެ ޚިދުމަތް ނުލިބުމެވެ. އޭގެ ސަބަބުން އަސާސީ ޚިދުމަތްތައް ނުލިބި އެންމެ ކުޑަމިނުން އެކުދިންގެ އާއިލާއަށް ގުޅޭނެ ގޮތެއް ނެތި ނެޓްވޯކް ހޯދުމަށްވެސް ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

ސަރުކާރުން މިގޮތަށް ނިންމެވުމާ ގުޅިގެން، ފޮރިން މިނިސްޓްރީން ދަނީ އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން ކަމަށާއި ތޫފާން ރާއީގެ ސަބަބުން ފިލިޕިންސްގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް ކާނާއާއި ބޯފެން ލިބިއްޖެ ކަމަށް މީގެ ދެ ދުވަސް ކުރިން ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *