މީޑިޔާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ހުކުމް އިއްވަން ތާވަލް ކުރެވުނު އަޑުއެހުން އާއިލާގެ އެދުމުގެ މަތިން ފަސްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވި ގޮތުގައި ހުކުމް އިއްވެވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ލަސްކޮށްފައިވަނީ އާއިލާގެ މީހެއްގެ ބަލި ހާލަތު ހުރިގޮތުން އަޑުއެހުމުގައި ބައިވެރިނުވެވޭނެތީއެވެ.
ދިރިއުޅޭ ގެ ކައިރީގައި އަނިޔާވެރި ގޮތަކަށް މަރާލި ޔާމީންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރެވުނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ ހަސަން ޝިފާޒާއި މ. ތާއިފް، އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުއެވެ.
މިމީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.
މިމައްސަލައިގައި ނޮވެމްބަރ 18 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި ދެފަރާތުގެ ބަޔާންތައް އަޑުއިއްވުނެވެ. އަދި މައްސަލަ ބައްލަވާ ޤާޒީ އާދަމް މުހައްމަދު ވިދާޅުވީ ކުރިޔަށް އޮތް 30 ދުވަސްތެރޭ ހުކުމް ކުރައްވާނެ ކަމަށެވެ.
ޔާމީން ރަޝީދުގެ އާއިލާއިން ހުރިހާ އަޑުއެހުމެއްގައި ބައިވެރިވެފައިވާތީ ހުކުމް ކުރަން ބާއްވާ އަޑުއެހުމުގައިވެސް އާއިލާއިން ބައިވެރިވާން ބޭނުންވެގެން އަޑުއެހުން ފަސްކޮށްދެއްވުމަށް އެދި އާއިލާއިން ވަނީ ކްރިމިނަލް ކޯޓުގައި އެދިލައްވާފައެވެ.









