މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
މަހުލޫފްގެ މައްޗަށް މިދިޔަ އަހަރު ނޮވެމްބަރ 24 ވަނަ ދުވަހު އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ. މަހުލޫފްވަނީ މިދައުވާއަށް ދެކޮޅު ހަދާފައެވެ. އަދި ފައިސާ ލިބުނު މުޢާމަލާތަކީ ޑޮލަރު ގަތުމުގެ ސައްޙަ މުއާމަލާތެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނާގޮތުން މި މައްސަލާގައި ހުށައެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެކެވެ. ދައުލަތުން ހުށަހަޅާފައިހުރި ހެކިތަކަކީ އެ ހެކިތައް ދޭންޖެހޭ އެންމެ މަތީ ބުރަދަން ދިން ނަމަވެސް އެ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭފަދަ ހެކިތަކަކަށް ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. އަދި މިއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫންކަމަށް ބުނެ ކްރިމިނަލް ކޯޓުންވަނީ އެމައްސަލަ ބޭރުކޮށްލާފައެވެ.
މިދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަންވަނީ ހުށަހަޅާފައެވެ.
އެހެންކަމުން މާދަމާ މެންދުރު 14:00ގައި މިމައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލްކުރެވިފައެވެ.
މަޚްލޫފުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު، 2014ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާތީއެވެ.









