ޅ.އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބުކޮށް ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
ކުރެންދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި ބައިއިލެކްޝަންގައި އެމްޑީޕީއާ ވާދަކޮށް ޕީޕީއެމުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. އެގޮތުން ކައުންސިލްގެ ރައީސަކަށް ހޮވިފައިވަނީ އިސްމައިލް މަދީހްއެވެ. އިސްމާޢީލް މަދީޙް މިއިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ޢަލީ ނަސީމާ ވާދަކުރައްވައިގެންނެވެ.
އިސްމާއީލް މަދީޙް ވަނީ މީގެ ކުރިންވެސް ކައުންސިލްގެ ރައީސްކަން ކުރައްވާފައެވެ. އަދި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ނާކާމިޔާބުވިނަމަވެސް އިސްމާޢީލް މިއަދުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ 49 ވޯޓްގެ ތަފާތަކުންނެވެ.
ކުރެންދޫ ކައުންސިލްގައި މީގެ ކުރިން މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެމްޑީޕީއަށް ތާއީދު ބޮޑު ރަށެއް ކަމުން އެ ރަށު ކައުންސިލްގެ ފަސްގޮނޑި ވެސް މީގެ ކުރީން ކޮންޓްރޯލް ކުރައްވަމުން ގެންދެވީ އެމްޑީޕީއިންނެވެ. މީގެއިތުރުން ރައްޔިތުން މަޖިލީހުގެ އެ ދާއިރާގެ ގޮނޑި ވެސް ލިބިފައި ވަނީ އެމްޑީޕީއަށެވެ.
ޅ.އަތޮޅުގެ ކައުންސިލްގައި ހިމެނޭ ފަސް މެމްބަރުންގެ ތެރެއިން އެމްޑީޕީއަށް މީގެ ކުރީން ތިން ގޮނޑި ލިބިފައި ވެއެވެ. އެއީ އޮޅުވެލިފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާޒިމާއި ހިންނަވަރު ކައުންސިލްގެ ރައީސް ޙަސަން ޝާފީގެ އިތުރުން ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާޢުއެވެ. ނަމަވެސް ސިމާއު އިސްތިއުފާ ދެއްވުމުން ބޭއްވި ބައިއިލެކްޝަން ޕީޕީއެމްގެ އިސްމާޢީލް ކާމިޔާބު ކުރެއްވުމުން ޕީޕީއެމްއަށް ނިސްބަތްވާ އަތޮޅު ކައުންސިލްގެ ރައީސް ޔާސީންއާއި ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާ އެކު އެ ޕާޓީއަށް ވަނީ މެޖޯރިޓީ ލިބިފައެވެ.









