މިދިޔަ ހުކުރުދުވަހު އިދިކޮޅުން ހިންގި އިންޑިޔާ އައުޓް މުޒާހަރާގައި ހައްޔަރު ކުރިމީހުން ޖަލަށް ގެންގޮސް ފުލުހުން ވަރަށް އަނިޔާވެރިގޮތަކަށް އަމަލުކޮށްފައިކަމަށާއި ހައްޤުތަކޭ ކިޔައިގެން ވާހަކަ ދައްކަން މިސަރުކާރުން ލަދުގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ހައްޤުތަކޭ ކިޔައިގެން މިސަރުކާރުން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށާއި މުޒާހަރާގައި ހައްޔަރުކުރި މީހުން ހައްޔަރުކޮށް ބިޑިއަޅުވައި، ލާއިންސާނީ ގޮތްތަކަށް އަމަލުކޮށްފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ހައްޔަރުކުރި މީހުން ޖަލަށް ގެންގޮސް ބޭތިއްބި ގޮޅީގެ ފާނާގައިވެސް ހުރީ ކެމެރާ ހަރުކޮށްފައި ކަމަށާއި ޤާނޫނު އަސާސީގައި ބަންދު ކުރެވޭ މީހާ 24 ގަޑިއިރުގެ ތެރޭގައި ގާޟީއެއްގެ ކުރިމައަށްޗަށް ގެންނަން ޖެހޭކަމަށް ބުނެފައިވާތީ 17 މީހުން ގެނެސް 8 ގަޑިއިރު ވަންދެން ގޮޑި ތަކުގައި އަތުރާފައި ބާތިއްބައި ބޮޑެތި ލާއިންސާނީ އަމަލު ހިންގާފައިވާކަމަށެވެ.
ސައީދުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސައީދުގެ ވާހަކަތައް އަޑުއަހާފައި އެމަނިކުފާނުގެ ހިތް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ގޮޑިއެއްގައި އެހާގިނަ އިރު ބައިންދާފައި އިނުމުން މާބޮޑަށް ހިތްފަޅައިގެން ގޮސްފައިވަކަމަށް ނަޝީދު ވިދާޅުވިއެވެ.
މުޒާހަރާގައި މެމްބަރު ސައީދާއި ޣައްސާން ހައްޔަރުކުރުމަށްފަހު ކޯޓަށް ގެނައީވެސް ބިޑިއަޅުވައިގެންނެވެ. މިމައްސަލަ ބެލުމަށް މަޖިލީހަށް ހުށަހެޅި ނަމަވެސް މިމައްސަލަ ބަލައި ނުގަންނަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.









