މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމަށް އަހްމަދު ލަތީފު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި ފޮރިން ސެކްރެޓެރީގެ މަގާމަށް ހ.ސީވީޑް އަހުމަދު ލަތީފް އަދި ފޮރިން އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މއ. އަތަމާވިލާ، އަބްދުލްޣަފޫރު މުހައްމަދު ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
އަބްދުލްޣަފޫރު މުހައްމަދު ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމުގައެވެ. އެމަޤާމުން ވަކިކުރުމަށްފަހު އަބްދުލްޣަފޫރު މިވަނީ ފޮރިން އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކޮށްފައެވެ.
އަދި އަހްމަދު ލަތީފު އެ މަގާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ވަކިކުރައްވާފައެވެ
އަޙްމަދު ލަޠީފަކީ 1981 ވަނަ އަހަރު ރާއްޖޭގެ ޚާރިޖީ ދާއިރާއާއި ގުޅިވަޑައިގެން، ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އަޙްމަދު ލަޠީފަކީ 2007 ވަނަ އަހަރު ޗައިނާ ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ ގޮތުގައި 5 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަޙްމަދު ލަޠީފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ޢައްޔަނު ކުރެއްވި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުވެސް ފުރުއްވާފައެވެ.









