ޏ.ފުވައްމުލަކު ނެރުކައިރިޔަށް ޑައިވިންގއަށް ފޭބި މީހާ ގެއްލިގެން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓީން ހާމަކުރި ގޮތުގައި ފުވައްމުލަކު ”ޓައިގާ ޝާކް“ ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި މީހާ ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދުގެ 15:36 ހާއިރުއެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ފަށައިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ގެއްލިގެން ހޯދަމުންދާ މީހާ ޑައިވިނަށް ފޭބީ މިއަދު 14:30 ހާއިރުކަމަށާއި އެ މީހާ ފީނަން ފޭބިއިރު ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް ޑިފެންސް އިން ބުނެއެވެ.
މިމީހާ އާއި ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުން ބަލައިދިނުމަށާއި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައިދިނުމަށްވެސް އެމިނިސްޓްރީން ވަނީ އެދިފައެވެ.









