ތ.އޮމަދޫ ކައުންސިލްގެ ރައީސް ޒަކީގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނެ މަރުގެ އިންޒާރުދީފިއެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޒަކީ ވިދާޅުވީ އެރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ބިޑް އުސޫލުން ސާފް ކުރުމަށް ހަވާލުކޮށްފައިވާ މުހައްމަދު ޒާހިރު ނަމަކަށް ކިޔާ މީހަކު އޭނައަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.
ޒަކީ ވިދާޅުވީ ކައުންސިލާއި މުހައްމަދު ޒާހިރާ ދެމެދު ވެފައިވާ އެއްބަސްވުމަކާއި ޒާހިރު ޚިލާފުވުމުން އޭނައަށް ކައުންސިލުން ލިޔުން ފޮނުވާފައިވާ ކަމަށާއި އެއްބަސްވުމާ ހިލާފް ވެއްޖެ ނަމަ ފައިސާ އުނިކުރުމާއި، ފައިސާ ނުދީ ހިފެހެއްޓުމުގެ ބާރު ކައުންސިލަށް އޮތްކަން އޭނާއަށް ލިޔުމުން އެންގުމުން ޒާހިރު ޒަކީ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
ޒަކީ ވިދާޅުވީ އެރަށު ސިނާއީ ސަރަހައްދު ސާފްކުރުމަށް ކައުންސިލުން ހަވާލުކުރެވުނީ ދެފަރާތުން އެއްބަސްވި ގޮތަށް ކަމަށާއި އެއެއްބަސްވުމާއި މުހައްމަދު ޒާހިރު ވަނީ ޚިލާފުވެފައެވެ. އަދި އެ ލިއުން ފޮނުވި ހިސާބުން ފެށިގެން އެމީހާ އަންނަނީ ޒަކީގެ ”ކަރުބުރިކޮށްލާނެ“ކަމަށް ބުނެ މަރުގެ އިންޒާރު ދެމުން ކަމަށެވެ.
އިއްޔެ ހަވީރު ފުލުހުންނަށް މިމައްސަލަ ހުށަހެޅުމުން މިމައްސަލަ ބެލުމަށް މިއަދު ހެދުނު ފުލުހުން އެރަށަށް ގޮސްފައިވާ ކަމަށް ޒަކީ ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ. އަދި މުޅިރޭ ހޭދަކޮށްފައިވަނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި ފުލުހުންގެ ފަރާތުން އަދި މިހާތަނަށް އެއްވެސް ބަހެއް ލިބިފައިނުވާ ކަމަށް ޒަކީ ފާހަނގަކޮށްލިއެވެ.









