ދައުލަތަށް ގިނަދުވަހު ޙިދުމަތް ކޮށްފައިވަ ބޭފުޅުންގެ ޙައްޤުތަށް ކަށަވަރުކޮށްދިނުމަށް ހުށައެޅި މައްސަލަ ބޭރުކޮށްލުމަކީ ޙިދުމަތްތެރިންގެ އަގުވަޒަން ނުކުރާކަން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
މެންބަރު ރިޔާޒު މިހެން ވިދާޅުވީ ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރިޔާޒު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހުން މިއަދު ބެރުކޮށްލުމާއި ގުޅިގެން ނެވެ.
ކަންބޮޑުވުން ފާޅު ކުރައްވާ ރިޔާޒު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ޕެންޝަންގެ ޤާނޫނު މިހާރު އޮތްގޮތުން ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބައެއް ބޭފުޅުންގެ ހައްޤުތައް ގެއްލޭކަމަށެވެ. އެހެން ކަމުން އެކަން ސަރުކާގެ ސަމާލުކަމަށް އެކަން ގެނައުމަށް މަޖިލީހަށް ހުށައެޅުމުން ބޭރުކޮށްލުމަކީ އެމްޑީޕީ އިން ޚިދުމަތްތެރިންގެ އަގުވަޒަން ނުކުރުންކަމަށެވެ.
ދައުލަތައް ގިނަދުވަހު ޚިދުމަތް ކޮށްފަވާ ބައެއް ބޭފުޅުންގެ ހައްޤުތަައް ޕެންސަން ގާނޫނުން ގެއްލިފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލައަށް MDP އިން ތާއިދު ނުކުރުމަކީ އެބޭފުޅުން ގައުމަށް ދިގުމުއްދަތައް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ނުކުރެއްވުން.
މެންބަރު ރިޔާޒު
މިއަދު މަޖިލީހަށް މައްސަލަ ހުށައަޅުއްވަމުން މެންބަރު ރިޔާޒު ވިދާޅުވީ ޕެންޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހަށް ފަހު ޕެންޝަން ފަންޑުން އަސާސީ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ލިބެންޖެހޭ މީހުންނަށް އެގޮތަށް އެ ފައިސާ ނުލިބޭ ކަމަށެވެ. އަދި ރިޓަޔާމަންޓް ޕެންޝަނާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000 ރުފިޔާގެ އިނާޔަތަކީ މުޅިން ދެ އެއްޗެއް ކަމަށެވެ. އެހެން ކަމުން އެ ދެ ސްކީމުގެ ދަށުން ފައިސާ ލިބެންޖެހޭ ގޮތަށް ފައިސާ ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ޕެންޝަނާ ގުޅޭ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 19 މެންބަރުންގެ ވޯޓާ އެކު އެވެ.









