އެއްފަހަރަކު އިބްނު އުމަރު (ރަޟިޔަﷲ އަންހު) ސަޙާބީ ބޭކަލުންތަކަކާއި އެކު ދަތުރުފުޅަކު ވަޑަައިގަތެވެ. މިދަތުރުފުޅުގައި ވަނިކޮށް އެބޭކަލުންނަށް ބަކަރި ހުއިހައްޕާ މީހަކާއި ބައްދަލުވެ، އެބޭކަލުންނާއި އެކު ފަރިކުޅުއްވުމަށް އޭނާއަށް ދައުވަތު އެރުވި އެވެ.
އެހިނދު އެމީހާ ބުންޏެވެ. ”އަހަރެން މިހުރީ ރޯދައަށެވެ.“ ދެން އިބްނި އުމަރު ވިދާޅުވިއެވެ. ”މިހިރަ ބަކަރިތަކާއި ގަސްތަކު ތެރޭގައި އުޅެމުންވެސް ތިބާ ގަދަ އަވީގައި ރޯދަ ހިފަނީ ހެއްޔެވެ؟“
ޖަވާބުގައި ބަކަރި ހުއިހައްޕާމީހާ ބުންޏެވެ. ”އާނއެކެވެ. އަހުރެން، އަހުރެންނަށް ބާކީ ލިބިފައިވާ ދުވަސްތަކުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނަނީއެވެ.“
ދެންފަހެ ބަކަރި ހުއިހައްޕާ މީހާގެ ޖަވާބާއި މެދު އިބްނި ޢުމަރު ވަރަށް ގަޔާވެފައި ވިދާޅުވިއެވެ.
”ތިޔަތަނުން ބަކަރިއެއް ތިބާ އަހަރުމެންނަށް ވިއްކަފާނަން ހެއްޔެވެ؟ އަހަރުމެން އޭގެ މަހުން ތިބާ ރޯދަ ވިއްލާގަޑީގައި ކާންދޭނަމެވެ. އަދި އަހުރެމެން ބަކަރީގެ އަގުވެސް އަދާކުރާނަމެވެ.“
އެހިނދު ބަކަރި ހުއިހައްޕާމީހާ ބުންޏެވެ. ”މިއީ އަހުރެންގެ މިލްކުގައިވާ ތަކެއްޗެއް ނޫނެވެ. މިއީ އަހަރެންގެ ސާޙިބު މީހާގެ ބަކަރިތަކެކެވެ“
އިބްނި އުމަރު ވިދާޅުވިއެވެ. ”ތިބާގެ ސާޙިބުމީހާގެ ގާތުގައި، ހިޔަޅެއް އައިސް ބަކަރި ކާލައިފިއޭ ބުނެފި ނަމަ ބުނާނީ ކީކޭހެއްޔެވެ؟“
އެހިނދު ބަކަރި ހުއިހައްޕާ މީހާ އޭނާގެ އިނގިލި އުޑާއި ދިމާލަށް އުފުލައިލުމަށްފަހު ބުންޏެވެ؟ ”ދެން ﷲ މެދު ބުނާނީ ކީކޭހެއްޔެވެ.؟“
ފަހެ ބަކަރި ހުއިހައްޕާ މީހާގެ މިޖަވާބުން އިބްނި އުމަރަށް ކުރި އަސަރެއްގެ ބޮޑުކަމުން އެކަލޭގެފާނު، އެކަލޭގެފާނުގެ މަންޒިލާއި ހަމަޔަށް ވާޞިލްވެވެންދެން ބަކަރި ހުއިހައްޕާމީހާގެ މިޖުމްލަ ތަކުރާރު ކޮށް ވިދާޅުވަމުން ގެންދެވިއެވެ. (ދެން ﷲ އާއި މެދު ބުނާނީ ކީކޭ ހެއްޔެވެ.؟)
އެއަށްފަހު އިބްނި އުމަރު، ބަކަރި ހުއިހައްޕާ މީހާގެ ސާހިބްމީހާގެ ގާތަށް ވަޑައިގެން، އަގުދެއްވާފައި ބަކަރިތަކާއި އެކު، ބަކަރި ހުއިހައްޕާމީހާވެސް ބައްލަވައިގަތެވެ. އަދި އޭނާ މިނިވަން ކުރައްވައި، އޭނާއަށް ހަދިޔާއެއްގެ ގޮތުގައި އެބަކަރިތައް ދެއްވިއެވެ.
މަސްދަރު: އިބްނި ރަޖަބް އަލް ޙަންބަލީ [ލަޠާއިފް އަލް މަޢާރިފް]











