އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ސ.ހިތަދޫ މިންހާ، މުޙައްމަދު މިންހާޖު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދުގެ ނިޔަލަށް 35 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަރ ކުރާފްޓް ”ހަކުރާ“ އިން ކަނޑުގެ ފަށަލަ ބަލަމުންދާއިރު، އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި ވައިގެ މަގުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމުގަ އެވެ.
މި ހިނގާ އޮކްޓޯބަރ 2022 ވަނަ ދުވަހު މެންދުރު އެކެއްޖަހާކަންހާއިރު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ ލޯންޗު ފުރާފައިވަނީ މާލެ، ކުރީގެ ކުނިކޮއްޓާއި ދިމާއިން ކަމަށް ފުލުހުން އިއްޔެވަނީ ވިދާޅުވެފަ އެވެ. އަދި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިވިފައިވާ ކަމަށާއި އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ، ސ.ހިތަދޫ މިންހާ، މުޙައްމަދު މިންހާޖު ކަމުގަ އެވެ. އުމުރުން 28 އަހަރުގެ މުޙައްމަދު މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.
ގެއްލިގެން ހގޯދަމުންދާ މިންހާޖު އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުމަށްވެސް އެމްއެންޑީއެފް އިން ވަނީ އެދިލައްވާފަ އެވެ.
ބަންޑުން ޖަހާލި ލޯންޗު، ފެނިފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު އއ. މާޅޮސް ކައިރިން ނެވެ.









