މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ދިވެހި މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ގޮވާލައި އިދިކޮޅު މައިޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އިން ސުލްޙަވެރި އިހްތިޖާޖަކަށް ނިކުންނާނެކަން އިއުލާންކޮށްފިއެވެ.
އިދިކޮޅު ޕީޕިއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އެކްޝަން ޑީޕާރޓްމެންޓުގެ ޗެއާރ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާޢީލް ވިދާޅުވީ، މަސްވެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އެޕާޓީން ބާއްވާ ސުލްޙަވެރި އިހްތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހަތަރެއްޖަހާއިރު މަސްމާރުކޭޓް ސަރަހައްދުން ކަަމުގަ އެވެ.
މަސްވެރިންނަށް ހަމަ އަގު ހޯދައިނުމާއި، ބާނާ މަހަށް ޑޮލަރު ދިނުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކޯލިޝަން ސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދޭއިރު، ކަންނެލި ޖަހަގަތަކާއި ގޭދޮށު މަސް ފެކްޓްރީގެ ވައުދަށްވެސް ވީނުވީއެއް ނޭނގޭ ކަން މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވިއެވެ.
މިއަދުގެ ހަރަކާތުގައި ވީހާވެސް ގިނަ މަސްވެރިން ބައިވެރިވެދިނުމަކީ އެޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމުގައި މުހައްމަދު ވިދާޅުވިއެވެ.
މުޙައްމަދު ވިދާޅުވީ މި އިހުތިޖާޖަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖެއް ކަމުގަ އެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަސްވެރިންނަށް ގިނަ ވައުދުތަކެއްވެފައިވާ ކަމަށާއި އެ ވައުދުތައް ފުއްދަވާފައިނުވާ ކަމަށްވެސް މުޙައްމަދު ވިދާޅުވި އެވެެ.
މުޙައްމަދު ވިދާޅުވީ މަސްވެރި އާއިލާތައް ނިކަމެތިވަމުންދާއިރު ހިމޭނުން، މަޑުން ތިބެވެން ނެތް ކަމަށާއި، ޤާނޫނުގައި ބުނާ ގޮތުން އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގަ އެވެ. އެހެން ކަމުން މިއަދުގެ އިހްތިޖާޖަކީ އެ ޒިންމާ އަދާކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.









