ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިދިކޮޅު ޕާޓީތަކުން ވާންޖެހޭ ވަޢުދެއް ނޯންނާނެ ކަމަށާއި އަސާސީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މިއުވާން މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. މިއުވާން ވިދާޅުވީ އަސާސީ ޚިދުމަތްތައް މިސަރުކާރުން ދަނީ ރައްޔިތުންނަށް ފޯރުކޮށްދެމުން ކަމުގައެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހުންނާނީ ފުދިފައި ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
މިއުވާން މުހައްމަދު ވިދާޅުވީ ކުރީ ސަރުކާރުން ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިފައި ނުވާ ކަމުގައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން މާލެއަށް ކޮށްދެއްވާފައި ހުރި ކަންކަން ފެންނަ ބެކްޑްރޮޕްތަކެއްގެ ކުރިފުޅުމަތީގައި ހުރެ ދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
”މާލެއަށް ކޮށްދެއްވި ކަންތައްތަކެއްގެ ފޮޓޯތަކެއްގެ ބެކްޑްރޮޕެއްގެ ކުރިފުޅުމަތީ ހުންނަވައިގެން އެގޮތަށް އެރަށްރަށަށް ވަޑައިގެން އަނެއްކާވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުމުން އަޅުގަނޑަކަށް ހިޔެއް ނުވޭ ރައްޔިތުން ޤަބޫލުކުރާނެ ހެންނެއް.“ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތާއި، ބަނދަރުތައް ޤާއިމްކޮށްދިނުމާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދެއްވާނެކަމަށް ރައީސް ޔާމީން މިހާރު ވަޢުދުވެވަޑައިގަންނަވަން ނުޖެހޭނެ ކަމުގަ އެވެ
”މިކަން ކަމަށް އެބޭފުޅުން ވައުދުވެވަޑައިގަންނަވާކަން ނުޖެހޭނެ. އަޅުގަނޑުމެން ސަރުކާރުން އެކަން ކޮށްދެމުން މިދަނީ.“ މިއުވާން ވިދާޅުވިއެވެ.









