އަލް މަސަދު ސޫރަތާކީ އަބޫލަހަބުގެ ދެމަފިރިންނަށް ހުރި ގެއްލުމާއި ހަލާކުގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ބާވައިލެއްވި ސޫރަތެކެވެ. މިސޫރަތުގެ މާނަގައިވެއެވެ.
أبولهب ގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ. (1) އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ. (2) ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ. (3) އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ. (4) ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ. (5)
މިސޫރަތް ބާވައިލެއްވުމުން މުސްލިމުން މި ސޫރަތް ކިޔަވައި އުޅުނެވެ. މިއަޑު އަބޫ ލަހަބުގެ އަންހެނުން އުންމުޖަމީލަށް އިވުނެވެ. އަދި މިކަމާއި ރުޅިއަރައި ރަތްވެގެން ގޮސް ހިލަވަނެއްގެ މޯލެއް ހިފައިގެން އިތުރު އެކަލޭގެފާނުގެ ދަތްޕިލާފުޅު ދުއްވާލާނަމޭ ކިޔާފައި ހަރަމްފުޅާއި ދިމާލަށް ދިޔައެވެ. އޭރު ރަސޫލުﷲ ގެފާނާއި އަބޫބަކުރުގެފާނު ހަރަމްފުޅުގެ ތެރޭގައި ތިއްބެވިއެވެ. މިކަނބުލޭގެ ރުޅިއަރައިގެން އަންނަތަން އަބޫބަކުރުގެފާނަށް ފެނިވަޑައިގަތުމުން އެއީ ވަރަށް ދޫނުބައި އަންހެނެއް ކަމަށާއި އޭނާއަށް ފެނިވަޑައިނުގެން ދުރަށް ވަޑައިގަތުމަށް ނަބިއްޔާގެ އަރިހުގައި ދެންނެވިއެވެ.
ނަމަވެސް އެކަނބުލޭގެޔަށް ތިމަންކަލޭގެފާނު ނުފެންނާނެ ކަމަށް އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. އަދި މިހެން އިންނަވަނިކޮށް އުންމު ޖަމީލް އައިސް އަބޫބަކުރު ގެފާނަށް ދެންނެވިއެވެ. “ކަލޭގެފާނާއި އެކު ތިޔަ އުޅުއްވާ މުހައްމަދު ގެފާނު ތިމަންގެ ނަމުން ޅެންހައްދަވަނީ ކީތްވެތޯއެވެ؟ ތިމަންމެން ފަދަ މާތް މީހުންނަށް ޅެންހައްދަވައިގެން ވެދާނެތޯއެވެ.” އަބޫބަކުރު ގެފާނުގެ ދެންނެވިއެވެ. އެކަލޭގެފާނަކީ ދުވަހަކު ޅެމެއް ހެއްދެވި ބޭކަލެއް ނޫނެވެ. އަދި މީހަކު ހައްދަވާ ޅެމެއް ވިދާޅުވާ ބޭފުޅެއްވެސް ނޫނެވެ.”
މިހެން ދެންނެވުމުން އުންމު ޖަމީލު އަބޫބަކުރުގެފާނަށް ދެންނެވިއެވެ. “ކަލޭގެފާނަކީ ދުވަހަކުޥެސް އިތުރުފުޅު ހެއްދެވި ބޭކަލެއް ނޫނެވެ. ނަމަވެސް މީހުން ބުނެއުޅެނީ ތިމަން ދެމަފިރިންނަށް ޅެންހައްދަވާ ވާހަކައެވެ.” އަދި ތިމަންނައަށް ޅެންހައްދަވަންނާ ތިމަންވެސް ޅެންހަދާނަމޭކިޔާފައި ހިނގައްޖެވެ.
މި ކަމެއް ހިނގި އިރު އުއްމު ޖަމީލާ އަބޫލަހަބުގެ ދެދަރިކަލުން އަތަބަތުއާއި އުސައިބަތު ކައިވެނިބައްލަވައިގެން އުޅުއްވަނީ ރަސޫލުއްﷲ ގެފާނުގެ ދެ ދަރިކަނބަލުން ކަމަށްވާ ރުޤިއްޔަތު ގެފާނާއި އުއްމުކުލްސުމް އާއި އެވެ.
މިމައްސަލަގަނޑުގައި އަބޫލަހަބުގެ އަމުރަށް ދެ ކައިވެނިވެސް ރޫޅުނެވެ. އަދި އުސައިބަތު އިތުރު އެކަލޭގެފާނު ހަރަމްފުޅުގައި މަޖިލީހެއްގައި އިންނަވަނިކޮށް ރުޅިއަރައިގެން ގޮސް އެއްޗެސް ގޮވާފައި އެކަލޭގެފާނުގެ މޫނުފުޅަށް ކުޅުޖެހިއެވެ. މިކަމާ އެތަނުގައި ތިބި މުޝްރިކުންތައް ހީގަތްތަނާ އެކަލޭގެފާނު ދުޢާކުރެއްވިއެވެ. “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އޭނާގެ މައްޗަށް އިނބަރަސްކަލާނގެ ކުއްތާތަކުގެ ތެރެއިން ކުއްތާއެއް ފާނކުރައްވާދެއެވެ” މުޝްރިކުން މިބަސްފުޅު އަޑުއަހާފައި ބިރުން ތުރުތުރު އަޅައިގަތެވެ. އަދި އުސައިބަތު އަށް މަލާމާތްކޮށް އޭނާ އެބަސްފުޅުން ދެނެއް ސަލާމަތް ނުވާނެކަމަށް ބުނެފިއެވެ.
އުސައިބަތު މިވާހަކަ އަބޫލަހަބަށް ދެންނެވުމުން ބުނެފިއެވެ. އެފަދަ މާތްމީހުންގެ މޫނަށް ކުޅުޖެހުމަކީ އަދަބުކުޑަ ނުލަފާކަމެކެވެ. ތިޔައީ ހިތާމަހުރިކަމެކެވެ.
ދެންހަމަ އެއަހަރު އަބޫލަހަބާއި އުސައިބަތާއި ދެބަފައިން ޝާމްކަރަޔަށް ވިޔަފާރި ދަތުރެއްގައި ދިޔުމަށް ނުކުމެއްޖެއެވެ. މިގާފިލާ ގޮސް ރޭކުރުމަށް މަނޒިލެއްގައި މަޑުކުރިއެވެ. އެމަންޒިލުގައި ރޭކުރަން އުޅެނިކޮށް އެތަނުގައިވާ ކުޑަ ފައްޅިއެއްގެ ފާނދިރީއަކު ބުންނެވެ. އޭ އަރަބީންގެ އަޚުންނޭވެ ރައްކާތެރިވެގެން ތިބޭށެވެ. މިއީ މިތަންގަނޑަށް ސިންގާއެއް ނުކުންނަ ދުވަސްވަރެކެވެ.”
މިކަމާ އަބޫލަހަބު ހިތާމަކޮށް އުސައިބަތުގެ މައްޗަށް ނަބިއްޔާ ކުރެއްވި ދުޢާފުޅުގެ މަތީން ހަނދާންވެ އެރޭގެ ނުރައްކަލުން އޭނާގެ ދަރިފުޅު ސަލާމަތް ކޮށްދިނުމަށް އޭނާގެ ޤައުމުގެ މީހުންގެ ފަރާތުން އާދޭސްކުރިއެވެ. އަދި އެބައިމީހުންގެ އެމީހުންގެ މުދާތަކާއި ސާމަނުތައް ފައްޅިދޮށަށް އެއްކޮށްދޭށެވެ. އަދި އޭގެމަތީގައި ތަންމައްޗެެއް ހަދާފައި އޭގެމަތީގައި އެދަރިފުޅު ބާއްވާފައި އެންމެން ވަށައިގެން ތިބެދޭށެވެ.
ދެން މިބައިމީހުން މިގޮތަށްހަދައިގެން ތަންމަތިމަތީގައި އުސައިބަތު ބާއްވައިގެން އެންމެން ވަށައިގެން އޭގެ ބޭރުން ޖަމަލުތައް ބައިތިއްބައިގެން ތިއްބެވެ.
ކުޑައިރުކޮޅެއްވެސް ނުވަނީސް އެތާކައިރިން ނިކުތް ސިންގާއެއްގެ ބޮޑުކަމާއި ސިފަހުތުރުކަމުން އެކަކަށްވެސް ގުޑިލާން ނުކެރިފައި ތިއްބެވެ. އަދި އެންމެންގެ މޫނަށް ވަކިވަކިން ބަލަމުން ވަސްގަންނަމުން ގޮސް ކުއްލިޔަކަށް އުސައިބަތާއި ދިމާލަށް ފުންމައިގެން ގޮސް އޭނާގެ މޭ ފަޅާލައި ބޯ ފިސް ކޮށްލާފައި ގޮއްސިއެވެ.
ސިންގާ ދިޔުމުން އަބޫލަހަބު ވަރަށް ރޮއިރޮއިފައި ބުންނެވެ. މުޙައްމަދުގެފާނުގެ ދުޢާއިން ސަލާމަތް ނުވާނެކަން ތިމަންނަ ދަންނަމެވެ.
މަސްދަރު: އައް ސިޔަރަތުއް ނަބަވިއްޔާ











