ރައްޔިތުންގެ އަތުން ސަރުކާރުން ނަގަމުންދާ ޓެކްސް ބޮޑުކުރުމަށް ނިންމައި ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށްފިއެވެ.
މަޖިލީހުގެ ތަޅުމުގައި މިބިލަށް ބަހުސް ކުރިޔަށް ގެންދިޔައިރު މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގެންދެވީ ޖަލްސާ ކުރާ މާލަމުގައި އިހްތިޖާޖު ކުރައްވަމުންނެވެ.
އެހެންނަމަވެސް މަޖިލީހަށް ހާޒިރުވެ ތިބި 81 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ ތާއީދާއެކު މިބިލް މިވަނީ ފާސްކޮށްފައެވެ. ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނެގުމަށް ސަރުކާރުން މިވަނީ ނިންމާފައެވެ.
ސަރުކާރުން ޓެކްސް ބޮޑު ކުރާ ސަބަބެއްގެ ގޮތުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ހަރަދު، ދައުލަތަށް ލިބޭ އާމްދަނީން ހަމަޖެއްސުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކަމަށެވެ.
ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ދެ ދުވަހުގެ ޖަލްސާގައި ވޯޓަށް ނޭހުމުން މަޖިލީހުގެ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ އެކަމުގައި ރިޔާސަތަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އިއްޔެގެ ޖަލްސާއަށްފަހު މެމްބަރުން ވަނީ ރައީސް ނަޝީދު މަޖިލިސް ގަވައިދާ ހިލާފަށް ގެންދަވާކަމަށްބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް މުލިއާގެއަށްވެސް ގޮސްފައެވެ.









