ރާއްޖޭގައި ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ތާއީދު މިސަރުކާރަށް ކުޑަވެގެން ދަނީ ރައީސް ޞާލީހްގެ އަރިހުގައި ތިިއްބެވި ބޭފުޅުންގެ ސަބަބުން ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރަށް އޮތް ތާއީދު އެމްޑީޕީން ކުޑަވެގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރުހައި ތިއްބެވި ބޭފުޅުންގެ ސަބަބުން ކަމަށާއި މި ސަރުކާރުގެ ހަލާކަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމްގެ ދެމަފިރިންކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް 2018ގައި ރައްޔިތުން ދިން ބޮޑު ތާއީދާއެކު 2019 ވަނަ އަހަރުގެ އެމްޑީޕީގެ ސުޕަރމެޖޯރިޓީ 65 މެންބަރުންގެ މަޖިލިސް ސަރުކާރަށް ލިބިފައިވާ ކަމަށް ޝިޔާން ވަނީ ވިދާޅުވެފައެވެ.
މެންބަރު ރޮޒޭނާ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާން ވިދާޅުވެފައިވަނީ ސަރުކާރުގެ އަދި އެމްޑީޕީގެ ހަލާކަކީ “ދޮން އާދަމްފުޅުގެ ދަރި ރޮޒޭނާގެ ދެމަފިރިން” ކަމަށެވެ.
އެމްޑީޕީގެ އެތެރެ ހޫނުވެ، އެއް މެމްބަރަކު އަނެއް މެމްބަރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒު ކުރަމުންނެވެ. އޭގެ ތެރޭގައި ޒާތީ ގޮތުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާ ކުރުން ހިމެނެއެވެ.









