ރައްޔިތުންގެ އަތުން ނަގަމުންދާ ޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
2023 ވަނަ އަހަރު ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުންނާއި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލަށް އަމަލުކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވަނީ ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ %6 އިން %8 އަށް ބޮޑުކޮށް އަދި މިހާރު ނަގާ ޓީޖީއެސްޓީ ނަގާ ރޭޓު 12 އިންސައްތައިން 16 އަށް ބޮޑުކުރުމަށެވެ.
ޓެކްސް ބޮޑޫކުރުމުގެ ސަބަބުން އެންމެ ބޮޑަށް އޭގެ އަސަރުކުރާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރަނީ ޓޫރިޒަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ ފަތުރުވެރިކަން ވަރަށް ބޮޑަށް ހީނަރުވެގެންދާނެއެވެ.
މީގެއިތުރުން ގެސްޓް ހައުސް އެސޯސިއޭޝަންއާއި މަޓާޓޯއާއި މަޓީ އިން 300 ޓުއާ އޮޕަރޭޓާރުން ގުޅިގެން ހެދި ދިރާސާ އިން ދައްކާ ގޮތުގައި، ޓެކްސް ބޮޑުކުރުމުން އަންނަ އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 10 އިންސައްތައަށް މަދުވާނެއެވެ.
މިބިލާއި ދެކޮޅަށް އިދިކޮޅުން އަޑު އުފުލަމުން އަންނައިރު ސަރުކާރަށް ތާއީދުކުރާ ބައެއް އެމްޑީޕީ މެމްބަރުންވެސް ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.
ސަރުކާރު ހިންގާ ވަރަށް ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ޓެކްސް ބޮޑުކޮށްފައިވަނީ ސަރުކާރު ހިނންގުމަށް ރައްޔިތުން އަތުން ފައިސާ ނެގުމަށް ކަމަށް އިދިކޮޅުންވެސް ދަނީ ބުނަމުންނެވެ.









