ވިޔަފާރިކުރަންދާއިރު ކަސްޓަމަރުންނަށް ދެވޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ނަގާގޮތަށް ކުނި މެނޭޖްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅި ބިލް ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގާ ބިލް މިއަދު ފާސްކޮށްފައިވަނީ 52 މެމްބަރުންގެ ވޯޓުންނެވެ.
ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގާގޮތަށް ބިލް ފާސްކުރި ނަމަވެސް ބައެއް ވައްތަރުގެ ވައްތަރުގެ ޕްލާސްޓިކު ކޮތަޅުން ފީ ނުނަގާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޑިއުޓީ ފްރީ ފިހާރަތަކުން ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދު ނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ކުނި މެނޭޖުކުރުމުގެ ކަންކަން ފޯރުކޮށްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ކޮތަޅުން ފީ ނުނަގާނެއެވެ.
މީގެއިތުރުން ވިޔަފާރިކުރުމުން ދޭ ބިލުގައިވެސް ކޮތަޅުގެ ފީ ހިމަނަން ޖެހޭނެ ކަމަށާއި އެ ބިލު ފާސްވެ ޤާނޫނަކަށް ވާތާ ހަތަރު މަސް ތެރޭގައި ކޮތަޅުން ފީ ނަގަން ފަށަންޖެހޭނެކަމަށް ބިލުގައި ބުނެފައިވެއެވެ.
މިބިލަށް އަމަލުކުރަން ފެށުމުން މިބިލާއި ޚިލާފުވެއްޖެނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެ ޖޫރިމަނާތައް ޖަމާކުރަން ޖެހޭނީ ”މޯލްޑިވްސް ގްރީން ފަންޑް“އަށް ކަމަށް ބުނާ މާއްދާއެއް އެ ބިލު ދިރާސާކުރި، މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީން ވަނީ އިތުރު ކޮށްފައެވެ.
އެ ބިލުގައި ވާގޮތުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ވިޔަފާރިތަކަކުން ޕްލާސްޓިކު ކޮތަޅުން ނަގާ ދެ ރުފިޔާގެ ފީ އެ އިދާރާއަށް ދައްކަން ޖެހޭނެއެވެ.









