ހއ.އިހަވަންދޫ އައިސްޕްލާންޓުން އެމޯނިއާ ގޭސް ލީކުވުމުގެ ސަބަބުން ހާލު ދެރަވި ބިިދޭސީ މީހާގެ ހާލު މިހާރު ރަނގަޅުކަމަށް އިހަވަންދޫ ކައުންސިލްގެ މެމްބަރ އަހުމަދު ރިޟްވާން ވިދާޅުވެއްޖެއެވެ.
މީިޑީޔާއަށް މައުލޫމާތު ދެއްވަމުން އަހުމަދު ރިޟްވާން ވިދާޅުވީ ރޭ 9 ޖަހާކަންހާއިރު އިހަވަންދޫ ގޭސްޕްލާންޓުން ގޭސް ލީކުވެފައިވާ ކަމަށާއި އޭގެ ސަބަބުން ބިދޭސީ މީހަކު ހާލެ ދެރެވެގެން ފަރުވާދޭން ޖެހުނު ކަމަށެވެ.
ރިޟުވާން ވިދާޅުވީ އައިސްޕްލާންޓާއި ޖެހިގެން އެމްޓީސީސީ ސައިޓު ހުރުމުން އެސައިޓުގައި ހުރި ބިދޭސީ މީހާއަށް ގޭހުގެ އަސަރުކޮށް އެމީހާ ހޭނެތުނު ކަމަށެވެ. އެހެންކަމުން އިހަވަންދޫ ސިއްޚީ މަރުކަޒަށް ގެންގޮސް އޭނާއަށް ވަނީ އޮކްސިޖަން ގުޅައިގެން ފަރުވާދީފައެވެ. އެމީހާގެ ހާލުވެސް މިހާރު ރަނގަޅުކަމަށް ރިޟުވާން ވިދާޅުވިއެވެ.
ރިޟްވާން އިތުރަށް ވިދާޅުވީ މަސް ފިނިކުރާ ނިޒާމުގެ ތެރެއިން އައިސް އުފެއްދުމަށް ބޭނުންކުރާ އެމޯނިއަމް ގޭސް ހޮޅީގެ ބުޑުން ގޭސް ލީކުވަމުންދާ ކަމުގެ މައުލޫމާތު ރޭ ލިބުނު ކަމަށެވެ. މުޅި ސަރަހައްދުގައި ގޭހުގެ އަސަރު ވަރަށް ގަދަޔަށް ހުރުމާއެކު އެސަރަހައްދަށް އާންމުން ދިއުންވެސް މިހާރު ވަނީ މަނާކޮށްފައި ކަމަށްވެސް ރިޟުވާން ވިދާޅުވިއެވެ.









