ސަންގު ޓީވީއިން ގެނެސްދިން ރިޕޯޓަކާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަންގު ޓީވީ އަށް އިންޒާރުދީފިއެވެ.
”އަހަރެންގެ ބޭންކުން ކުރަނީ ވައްކަން“ މިސުރުހީގެ ދަށުން ސަންގު ޓީވީ މީޑީޔާއިން ލިޔެފައިވާ ރިޕޯޓްގައި ބުނާގޮތުން ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލެނީ ބެންކުގެ އިހުމާލުންނެވެ. ”ބޭންކް އޮފް މޯލްޑިވްސްގެ އިހުމާލުން އެކައުންޓުން ފައިސާ ގެއްލުން: ކަހާތަން ހިރުވާވެސް ނުލާ!“ މިދެސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމާއި ގުޅިގެން ބީއެމްއެލްއިން ވަނީ ވަރުގަދަ އިންޒާރެއް އެމީޑިޔާއަށް ދީފައެވެ.
އިންޒާރުގެ ސިޓީގައި ބުނެފައިވަނީ މިދެރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށާއި މިއީ ދޮގު މައުލޫމާތު ހިމަނައި ބޭންކު ބަދުނާމުވާ ފަދަގޮތަކަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.
މީގެެއިތުރުން ”ސަންގަށް“ ގުޅައި ގުޅައި މި ދެ ލިޔުމުގައިވެސް ހުރި ދޮގު މައުލޫމާތު ރަގަޅުކުރުމަށް ސައްހަ މައުލޫމާތުދީ އަދި ކޮމެންޓް ދިނުމުންވެސް މި ލިޔުންތަކުގައި ހުރި ދޮގު މައުލޫމާތުތަކަށް އެކަށޭނެ ބަދަލު ނުގެނެސް އަދި ރިޓްރެކްނުކުރި ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
އަދިހަމައެއާއެކު މިއީ ވަރަށް އަންޕްރޮފެޝަނަލް އަދި ނޫސްވެރިން ޚަބަރު ގެނެސްދިނުމުގައި ގެންގުޅެންޖެހޭ ކޯޑް އޮފް ކޮންޑަކްޓް އަދި އެތިކަލް ލެވެލްތަކާއި ހިލާފަށް ލިޔެފައިވާ ލިޔުމެއް ކަމަށާއި ކުރިޔަށް އޮތް 3 ދުވަސްތެރޭ އެލިޔުންތައް ރިޓްރެކްޓްކޮށް އަދި އިސްލާހުކުރުމަށް ބީއެމްއެލްއިން ވަނީ އަންގާފައެވެ. އަދި މިކަމާއި ގުޅިގެން ރަސްމީކޮށް ލިޔުމުން މައާފަށް ނޭދޭކަމަށް ވާނަމަ ޤާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ހުރިހާފިޔަވަޅެއް ބޭންކުން އަޅާނެވާހަކަ ބީއެމްއެލްއިން ވަނީ އަންގާފައެވެ.
ބީއެމްއެލް އިން އިންޒާރު ދިން ނަމަވެސް ސަންގު ޓީވީގެ ވެބްސައިޓްގައި ހުރި ލިޔުންތަކަށް އަދި މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.









