މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރި އެންމެ މަޝްހޫރު، ވަރުގަދަ އެއް ކޮމާންޑަރަކީ ފާރިސީންގެ ޖެނެރަލެއް ކަމުގައިވާ ހުރުމުޒާންއެވެ. އޭނާ އަކީ ޤާދިސިއްޔާ ހަނގުރާމައިގައި ފާރިސީ ލަޝްކަރުގެ ކަނާތުފިޔައިގެ ކޮމާންޑަރެވެ.
ވަރުގަދަ ހަނގުރާމައެއް ކުރެއްވުމަށްފަހު މުސްލިމުގެ ލަޝްކަރު ބަލިނުކުރެވޭނެކަން ކަށަވަރުވުމުން މައިދާނުން ފިލައި ރައްކާވިއެވެ. ނަމަވެސް އަލުން ލަޝްކަރު ތައްޔާރުކޮށް މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރަން ފެށިއެވެ. އެއީ މުސްލިމް މުޖާހިދުންނާއި ކުރިމަތިލާންޖެހުނު އެންމެ މަކަރުވެރި އެންމެ ވަރުގަދަ އެއްފަހުލަވާނެވެ. ނަމަވެސް ބަަޞަރާއާއި ކުފާގެ މުސްލިމް ލަޝްކަރުތައް ގުޅިގެން ދިން ވަރުދަގަ ހަމަލާތަކުގެ ކުރިމަތީގައި އޭނާއަށް ސާބިތު ނުވެވުނެވެ. އެންމެފަހުން ސުލްހަވެރިކަމާއެކު ޖިޒީ ދައްކައިގެން އުޅުމަށް އެއްބަސްވިއެވެ. ނަމަވެސް އެދުވަސްތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައި މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާނެ ވަގުދަދަ ބާރެއް شوشتر ގައި އޭނާ އެކުލަވައިލިއެވެ. އަދި ޖިޒީ ދިނުން ހުއްޓާލައި މުސްލިމުންނަށް ދެކޮޅަށް އަނެއްކާވެސް ހަނގުރާމަ ކުރަން ފެށިއެވެ.
ނަމަވެސް ދެއަހަރެއްހާ ދުވަހު ވަރުގަދަޔަށް ހަނގުރާމަ ކުރުމަށްފަހު މުސްލިމުން އޭނާގެ މަށްޗަށް ކާމިޔާބު ހޯދިއެވެ. އަދި އޭނާ އަސީރުކޮށް ޣަނީމާ މުދާތަކާއި އެކު، އަބޫ މޫސާގެ ބެއްލެވުމުގެ ދަަށުން މަދީނާއަށް ގެންދެވުނެވެ. އަރިހުގައި މާތް ނަބިއްޔާގެ މަތިވެރި ދެ ޞަޙާބީން ކަމަށްވާ އަނަސް ބިން މާލިކާއި އަލްއަޙްނަފް ބިން ޤައިސްގެ ހިމެނިވަޑައިގަންނަވައެވެ.
ދެންފަހެ ހުރުމުޒާން ގޮވައިގެން މިބޭލުންތައް މަދީނާއަށް ވެންނެވިއިރު އޭނާ ހުރީ ރަނުން ޖަރީ ކުރެވިފާއިވާ ހެދުމެއްގައެވެ. ބޮލުގައި އަގުހުރި ޖަވާހިރުތައް ޖަހާއި، ރަނުން ހަދާފައިވާ ކޯރިއެއް އަޅާފައި އޮތެވެ. އޭރު ވަރަށް އާދައިގެ ހެދުމެއް ތުރުކުރައްވައިގެން މުސްލިމުންގެ ޚަލީފާ އުމަރު ބުނުލް ޚައްޠާބު މިސްކިތުގެ ކަނެއްގައި އަވަހާރަފުޅު ލައްޕަވާފައި އޮންނެވިއެވެ.
ފަހެ އުމަރުގެފާނު ނިދިން ހޭފުޅުލެއްވި އިރު މަދީނާގެ އެތަން މިތަނުން މުސްލިމުންތައް ވަނީ މިސްކިތަށް ޖަމަޢުވެފައެވެ. އެހިނދު އެކަލޭގެފާނު މުސްލިމުންނާ މުޚާތަބުކޮށް ވިދާޅުވިއެވެ. ”ފާރިސީންގެ ރަސްގެފާނު ނިކަމެތި ކުރައްވައި، އިސްލާމްދީނަށް ނަސްރުދެއްވި الله އަށް ޙަމްދު ހުއްޓެވެ. މުސްލިމުންނޭވެ. ތިޔަބައިމީހުން އީމާންކަމުގެ މަތީގައި ސާބިތުވެ ތިބޭށެވެ.”
އެއަށްފަހު އުމަރުގެފާނު އަމުރުކުރެއްވިއެވެ. “މީނާ އާދައިގެ ހެދުމެއް ލައްވައިގެން އަހުރެންގެ ކުރިމަށްޗަށް ގެންނާށެވެ.”
ފަހެ އުމަރުގެފާނުގެ އަމުރުފުޅަށް، ހުރުމުޒާން އާދައިގެ ހެދުމެއްލައްވައި އެކަލޭގެފާނުގެ ކުރިފުޅުމަށްޗަށް ހާޒިރުކުރެވުނެވެ. އެހިނދު އޭނާ އާއި މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. ”ތިޔައީ އަހުވާޒުގެ ބާޣީ ޤަވަރުނަރު ހުރްމުޒާން ހެއްޔެވެ.؟
ހުރްމުޒާން ބުންޏެވެ. ”އާނ އެކެވެ. އަހަރެންނަކީ ހުރްމުޒާން އެވެ.”
އުމަރުގެފަަނު ވިދާޅުވިއެވެ. ”ތިޔަބައިމީހުން ތަކުރާރުކޮށް މުސްލިމުންނާ އެކު ވެވުނު ވައުދާއި ޚިލާފް ވެއްޖެއެވެ.“
ހުރްމުޒާން ބުންޏެވެ. ”އާނއެކެވެ. ތިޔައީ ހިތި ހަޤީގަތެކެވެ. ނަމަވެސް އަހަރެންގެ ނަފްސު ބާރުއަޅަނީ އަހުރެން، އަހަރެންގެ އަމިއްލަ ބިން ދެކެ ލޯބިވުމަށެވެ. އަބަދުވެސް އުއްމީދު ކުރަމުން ދިޔައީ އަހަރެންގެ ބިމުން މުސްލިމުން ފައްސާލުމަށެވެ“
އުމަރުގެފާނު ވިދާޅުވިއެވެ. ”މިހާރު ކަލޭ ބަލިވެއްޖެ ނޫންހެއްޔެވެ.؟ އަދި ކަލޭގެ ޚިޔާނާތްތެރިކަން ޝައްކެއްނެތި ސާބިތުވެއްޖެއެވެ. އެފަދަ ކުށެއްގެ އަދަބަކީ މަރުކަން ކަލެއަށް އެނގޭ ހެއްޔެވެ؟“
ހުރްމުޒާން ބުންޏެވެ. ”އާނ އެކެވެ. އަހަންނަށް އެކަން އެނގެއެވެ. ގާނޫނު އޮތީ ކާމިޔާބު ހޯދާ ފަރާތުގެ އަތްމަގީގައެވެ.“
އުމަރުގެފާނު ވިދާޅުވިއެވެ. “އެހެންކަމުން އަހުރެން ކަލޭގެ ގަތުކުކުރުމަށް އަމުރު ކުރަމެވެ. ކަލޭ މަރަށް ތައްޔާރުވާށެވެ.“
އެއަށްފަހު އުމަރުގެފާނު އެކަލޭގެފާނުގެ ކަނޑިކޮޅު ގެންނެވުމަށް އަމުރުކުރެއްވިއެވެ. ފަހެ ކަނޑިކޮޅު ގެނެވި، ހުރުމުޒާނގެ ކަނދުރާ އާއި ދިމާލަށް އުފުއްލެވުމާއި އެކު ބުންޏެވެ. ”އަހަރެން މިހުރީ ވަރަށް ބޮޑަށް ކަރުހިއްކައިގެންފައެވެ. ގަތުލުކުރުމުގެ ކުރިން އަހަންނަށް ފެންފޮދެއް ލިބިދާނެ ހެެއްޔެވެ.؟ އެގޮތް ކަލޭގެފާނަށްވެސް މާ ހެޔޮކަން ބޮޑެވެ.”
ދެންފަހެ އަސީރުންނަށް ހެޔޮކޮށް ހިތުމަށް މާތްނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ދެއްވާފައިވާ މަތިވެރި އިރުޝާދާއި އެގޮތުގެ މަތީން، އޭނާއަށް ހެޔޮކޮށް ހިތައި، ފެން ގެނެސް ދިނުމަށް އުމަރުގެފާނު އަމުރުކުރެއްވިއެވެ.
އެހިނދު ފެންތައްޓެއް ގެނެސް ހުރްމުޒާންގެ އަތަށް ދިނުމުން ބުންޏެވެ. ”މި ފެން ބުއިމުގެ ކުރިން އަހަރެން ގަތުލުކޮށްލަފާނެތީ ބިރުގަންނަމެވެ.”
އުމަރުގެފާނު ވިދާޅުވިއެވެ. ”ޔަޤީންކުރައްވާށެވެ. ފެން ބުއިމުން ނޫނީ ކަލޭ ގަތުލު ނުކުރާނެ ކަމަަށް އަހުރެން ވަޢުދުވަމެވެ.”
އެހިނދު ހުރްމުޒާން ފެންތަށި އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ބުންޏެވެ. ”މިހާލަތުގައި އަހަރެން ފެން ނުބޯނަމެވެ. އަދި އަހަރެން ފެން ބުއިމުގެ ކުރިން އަހަރެން ގަތުލުނުކުރާނެ ކަމަށް ކަލޭގެފާނު އަހަންނަށް ވައުދު ވެއްޖެއެވެ.”
ފަހެ އެހިނދު މިކަލޭގެ މަކަރުވެރިކަން ފެނި، ކޯފާ އިސްކުރައްވައި އުމަރުގެފާނު ވިދާޅުވިއެވެ. “އޭ ﷲ ގެ އަދުއްވާއެވެ. ކަލޭ އަހަންނަށް އޮޅުވާލީއެވެ. އަހުރެން ކަލޭ ޤަތުލުކުރާނަމެވެ.“
ހުރްމުޒާން ޖަވާބު ދިނެވެ. “ތިބާ ބޭނުން ގޮތަކަށް ކަންތައް ކުރެވިދާނެއެވެ. ނަމަވެސް އަހަރެން ފެންބުއިމުގެ ކުރިން ރައްކާތެރިކަން ދެއްވާނެކަމަށް ވެވަޑައިގެންފައިވާ ވަޢުދު އެބައޮތެވެ. ތިބާގެ ދީން ތިބާއަށް ދަސްކޮށްދިނީ ވަޢުދު އުވާލަން ކަމުގައި ވާނަމަ އެކަން ކުރައްވާށެވެ.”
އެހިނދު މިކަމުގެ ތެރެއަށް އެހެން މުސްލިމުން ތަދައްޚުލްވެ، ވިދާޅުވާން ފެއްޓިއެވެ. ”އޭ އަމީރުލް މޫމިނީން އެވެ. ވަޢުދަކީ ވަޢުދެވެެ. އަދި އެކަން ފުއްދަންޖެހޭނެއެވެ.”
ދެން އުމަރުގެފާނު އަނަސް ބިން މާލިކް އާއި ދިމާލަށް އެނބުރިވަޑައިގެންފައި އެކަލޭގެފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯ އެއްސެވިއެވެ. އަނަސްގެފާނު ޖަވާބު ދެއްވިއެވެ. “ޔާ އަމީރުލް މޫމިނީން އެވެ. އަހުރެންގެ ބޭބެ ޤަތުލުކޮށްލީ މީނާ އެވެ. އަހުރެންގެ ނަފްސު މިހުރީ މީނާގެ ކިބައިން ބަދަލު ހިފުމަށް ކެތްމަދުވެފައެވެ. އެހެނަސް، ޚަލީފާގެ ވައުދު އުވާލުމަށް އަހުރެން ނަސޭހަތްތެރި ނުވާނަމެވެ. އޭނާ އޮޅުވާލިޔަސް، ނުލިޔަސްމެއެވެ.”
އެހިނދު އުމަރުގެފާނު ހުރްމުޒާންއާއި ދިމާލަށް އެނބުރިވަޑައިގެންގައި ވިދާޅުވިއެވެ. “އޭ ފަރިސީންގެ ހިޔަޅާއެވެ. އަހަރެން ކަލެއަށް އަމާންކަން ދީފީމެވެ.”
އެއާއިއެކު ހުރުމުޒާން ވަގުތުން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވެއްޖެއެވެ. ދެން އުމަރުގެފާނު ވިދާޅުވިއެވެ. “ހުރުމުޒާން އެވެ. ކަލެއަށް ހަލާކު ހުށްޓެވެ. ކަލޭ ތިޔަކަން ކުރުމަށް ފަސްކުރީ ކޮންކަމާ ހެއްޔެވެ.؟”
ހުރުމުޒާން ބުންޏެވެ. “އޭ މުއުމިނުންގެ އަމީރެވެ. އަހުރެން އިސްލާމްވުން ފަސްކުރީ މަރަށް ބިރުން އިސްލާމްވީ ކަމަަށް މީސްތަކުން ބުނެފާނެތީއެވެ.”
ހުރުމުޒާން އިސްލާމްވުމުން އުމަރުގެފާނު އޭނާ އަށް މަރުހަބާ ދަންނަވަމުން ވިދާޅުވިއެވެ. “ކަލޭ އަހުރެމެންގެ މެހެމާނެއްގެ ގޮތުގައި ދުވަސްކޮޅަކަށް މަދީނާގައި މަޑުކުރައްވާށެވެ. ފަހުން ފާރިސީއަށް އެނބުރި ދިޔުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.”
ހުރުމުޒާން ބުންޏެވެ. “މުސްލިމެއްގެ ހައިސިއްޔަތުން މަދީނާގައި މަޑުކުރަން އަހުރެން އިސްކަންދެމެވެ.”
އެއަށްފަހު ހުރްމުޒާން މަދީނާގެ ރައްޔިތެއްގެ ގޮތުގައި ވަޒަންވެރިވުމުން، އުމަރުގެފާނު އޭނާއަށް އަހަރަކު ދެހާސް ދިހާމުގެ އިނާޔަތެއް ދެއްވިއެވެ. އަދި ފާރިސީ ކަންކަމުގައި ލަފާދޭ މީހެއްގެ ގޮތުގައި އޭނާ އައްޔަން ކުރެއްވިއެވެ.
ނޯޓް: ފަހުން އުމަރުގެފާނު ޝަހީދުކޮށްލި ހާދިސާގައި މީނާގެ އަތެއްވާ ކަމަށް ތުޙުމަތުކޮށް އުމަރުގެފާނުގެ ދަރިކަލުން އުބައިދުﷲ ބުން އުމަރު ބުން ޚައްތާބު މީނާ ގަތުލުކޮށްލިއެވެ.
މަސްދަރު: މި ވާހަކައަކީ، އަބުދުލް މާލިކު މުޖާހިދު ލިޔުއްވާފައިވާ (ޖެމްސް އެންޑް ޖެވެލް) ފޮތުންނާއި / ހިސްޓްރީ އޮފް ޚަލީފާ އުމަރު، އަދި އައިޑިއަލް މުސްލިމް މޭން (ތާރީޚް އޮފް އިމާމް ތަބަރީ) އިން މަޢުލޫމާތު ނަގައި އެކުލަވާލާފައިވާ ވާހަކައެކެވެ.











