އޭދަފުށީގެ ކުރީގެ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުކަމުގެ މަޤާމު ގިނަދުވަސްތަކެއްގައި ފުރުއްވާފައިވާ އޭދަފުށީގެ ބާނީ ޢަލީ ވަހީދު ނިޔާވެގެން ޓެސްޓުކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ޢަލީ ވަޙީދު ނިޔާވެފައި ވަނީ ބަލީގައި ގިނަ އަހަރުތަކެއް އުޅުއްވުމަށްފަހު އިއްޔެ ހަވީރު އޭދަފުށީގައި އޭނާ ދިރިއުޅުއްވާ ގޭގަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ޢަލީ ވަހީދު އޮތީ ނިޔާވެފައި ކަމުގަ އެވެ. އަދި ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ޢަލީ ވަހީދު ކޮވިޑަށް ޕޮޒިޓިވް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިއީ ކޮވިޑު ބަލީގައި އޭދަފުށީގެ ދެވަނަ މަރެވެ. މިމަހުގެ ދިހަ ވަނަ ދުވަހު ބ. އޭދަފުށީގައި ކަރަންޓީނުގައި ހުރި ޢުމުރުން ދުވަސްވީ މީހަކު މަރުވެގެން ޓެސްޓުކުރިއިރު އެމީހާވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެެ.
މިދިޔަ ރޯދަމަހުގެ ކުރީކޮޅުން ފެށިގެން ކޮވިޑު ފެތުރެމުންދިޔަ ނަމަވެސް އަދި މިހާތަނަށް އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 276 މީހެކެވެ. އޭގެ ތެރެއިން 219 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
އުމުރުން 77 އަހަރުގެ ޢަލީ ވަޙީދު ވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އޭދަފުށީގެ ކުޑަ ކަތީބުކަމާއި ބޮޑު ކަތީބުގެ މަޤާމުގެ އިތުރުން ތަފާތު އެކިއެކި މަޤާމު އަދާ ކުރައްވައިފަ އެވެ.
އެގޮތުން ރަށުގެ މުދިން ކަމާއި މަދްރަސަތުލް ބަހިއްޔާގެ މުދައްރިސްކަން ވެސް ގިނަ އަހަރުތަކެއް ވަންދެން ޢަލީ ވަޙިދު ވަނީ ކުރައްވާފައިވެ އެވެ. އަދި އެއްވެސް ފީއަކާ ނުލައި ރަށުގެ ގިނަ ކުދިންތަކަކަށް ހިލޭ ސާބަހަށް ޢަލީ ވަހީދުގެ އަމިއްލަ ގޭގައި ކީރިތި ޤުރްއާން ކިޔަވައިދެއްވަމުން ވެސް ގެންދެވިއެވެ.
ޢަލީ ވަޙީދަކީ ހިތްހެޔޮ އަދި މީހުންނަށް އިހްތިރާމު ކުރާ އޭރު އޭދަފުށިގެ ތަރައްޤީއަށް ކުރެވިފައިވާ ބޮޑެތި ހުރިހާ މަސައްކަތްތަކުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާއެވެ.
މީގެ އިތުރުން ޢަލީ ވަޙީދު ފާހަގަކުރެވެނީ އޭދަފުށީގެ ފުޓްބޯޅައިގެ ލެޖެންޑްގެ ގޮތުގައެވެ. އެގޮތުން 1968 ވަނަ އަހަރު އޭނާ ވަނީ މާލޭގައި އޮތް ފުޓްބޯޅަ މުބާރަތަށް އޭދަފުށީ ޓީމު ގޮވައިގެން ގޮސް އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ އަދި އޭނާ އެ އަހަރު ވަނީ ބެސްޓް ހާފުގެ މަގާމުވެސް ހޯދައިފަ އެވެ.
މީގެ އިތުރުން 1972ވަނަ އަހަރު އިނގިރޭސި ރާނީ މާލެ ވަޑައިގެން އެކަމަނާގެ ޝަރަފްގައި އެކަމަނާ މާލެވަޑައިގަތް މަނަވަރު ”ބްރިޓޭނިޔާ” ޓީމާއި މުޅި ރާއްޖެއިން ހޮވާލެވުނު ގަދަ 11 ގެ ޓީމުގައި ވެސް އޭނާ ވަނީ ހިމެނިފައެވެ.
މަރުހޫމް އަލީ ވަހީދުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ދަންނަވަމެވެ. އަދި ޢަލީ ވަހީދުގެ އާޢިލާގެ މެމްބަރުންނަށް ފެންވަރު މީޑީއާ ޓީމުގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.
މަސްދަރު:އީޓީ









