ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ސިންގަޕޫރުން ހޯދަވަމުން އަންނަ ބޭސްފަރުވާ ނުނިމޭތީ އިތުރު މުއްދަތެއް ކަރެކްޝަން ސާރވިސް އިން ދީފިއެވެ.
ދައުލަތުންގެ ބަންދުގެ ގައި ހުންނެވި އަދީބް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކަޝަނުން ދީފައި ވަނީ ރާއްޖޭގެ ފަރުވާ ދެވެން ނެތް ބަޔަކަށް ފަރުވާ ހޯއްދަވާށެވެ. އެ ހުއްދަ ލިބުމުން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ އަދީބު ވަނީ ފުރާވަޑައިގެންފަ އެވެ. ކަރެކްޝަނުން ހުއްދަ ދިނީ 10 ދުވަހަށް ސިންގަޕޫރުގައި ހުންނެވުމަށެވެ.ނަމަވެސް އެ މުއްދަތު ހަމަވިއިރު ބޭސްފަރުވާގެ ކަންކަން ނުނިމޭތީ މުއްދަތު އިތުރުކޮށްދިނުމަށް އަދީބު ވަނީ ކަރެކްޝަންގައި އެދިވަޑައިގެންފަ އެވެ.
މިއަދު ކެރެކްޝަނުން ވިދާޅުވީ އަދީބް ގެ ފަރުވާއާއި ގުޅޭގޮތުން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިއާޔަތްކުރުމަށްފަހު އޭނާއަށް ދިން މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް މިހާރު އިތުރުކޮށްދީފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނަތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާއި ގުޅިގެން އަދީބު ދައުލަތުގެ ބަަންދުގައި ހުންނަވަނިކޮށް، އެމަނިކުފާނުގެ ސިއްޚީހާލުކޮޅު ގޯސްވުމުން ގޭ ބަންދަށް ބަދަލުކުރެއްވިއެވެ. އަދި އެމްއެންޕީއާރުސީ މައްސަލަތައް ސާބިތުކުރުމަށް ދައުލަތުން ވަނީ އަދީބާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ.









