ދެދުނިޔޭގެ ޙަޔާތަށް ހުރި ބޭނުންތެރި ހަރަކާތްތަކުން ކުދީންގެ ހުސްވަގުތު ފަޅުފިލުވަން ޖެހޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ތައުލީމާ ތަރުބިއްޔަތުގެ މާތްކަން“ މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ދެދުނިޔޭގެ ޙަޔާތަށް ހުރި ބޭނުންތެރި ހަރަކާތްތަކުން ކުދީންގެ ހުސްވަގުތު ފަޅުފިލުވަން ޖެހޭކަމަށާއި އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.
ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް އިސްލާމީ އުސޫލުތައް ބިނާކުރުމަށް ބެލެނިވެރިންނާއި މަދަރުސާއިން ގުޅި ލާމެހިގެން މަސައްކަތްކުރާނަމަ ކާމިޔާބުކުރެވޭނެ ކަމަށާއި މާތް ނަބިއްޔާ މުހައްމަދު ﷺ އިސްލާމީ މުޖުތަމައުގައި ތައުލީމު ފެތުރެއްވުމަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވި ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ފޮނި ނަތީޖާ ކުދިންނަށް ނެރެވޭނީ މަދަރުސާ އާއެކު އެއްބާރު ލައިގެން ކަމަށާއި، މަދަރުސާގެ ގަވާއިދުތަކަަށް ބޯލަނބައިގެން ކަމަށެވެ. ކުދިންގެ މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހްތިރާމް ކުދިން އަދާކޮށްގެން ކަމަށާއި، އެމީހުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ވޮށްތަކެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މަދަރުސާ އަކީ ދަރިންގެ ދެވަނަ ހިޔާވަހިކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް އިސްލާމީ އުސޫލުތައް ބިނާކުރަނީ މަދަރުސާ އިން ކަމަށާއި، މަދަރުސާ އިން މިދައުރު ފުރިހަމައަށް އަދާކޮށްފިނަމަ މުޅި އުއްމަތުގެ މުސްތަގުބަލު އުޖާލާވެ އަމާންވާނެ ކަމަށެވެ. އަދި ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ ފާގަތިކަން އާއްމުވާނެ ކަމަށާއި، މިބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ މަދަރުސާ އާއި ބެލެނިވެރިން ގުޅި ލާމެހިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެ ދެފަރާތުގެ ލަނޑުދަނިތަކާއި، އުއްމީދުތައް އެކައްޗަކަށް ހަދައިގެން ކަމަށެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ފައިދާ ހުރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މިފަދަ ތަރުބިއްޔަތެއް އެކުދިންނަށް ދެވޭނީ ކެތްތެރިކަމާއި ހިކްމަތްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ކުދިންނަށްޓަކައި މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި ތަނަވަސް ކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ކުދިން ހިފަންޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ކުދިން އުނގެނޭ އިލްމުގެ ނޫރުން ﷲގެ ރުހިވޮޑިގަތުމާއި މައިންބަފައިންގެ ހިތްހަމަޖެހުމާއި ގައުމަށް ކުރިއެރުން ހޯދައިދޭންޖެހޭ ކަމަށެވެ. އަދި އިސްލާމް ދީނާއި ވަތަނަށްޓަކައި ޤުރުބާން ވުމަށް ކެރޭ ބަޔަކަށްވުމަށް ހަށިތަކާއި ނަފުްސުތައް ހާނުވައި ތައްޔާރުކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.











