ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީ އާ ހަވާލުކުރުމުން އެކަންތައް ރަނގަޅަށް ނުކުރެވޭ ކަމަށް ބުނެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދު ނުރުހުން ފާޅުކޮށްފިއެވެ.
އެގޮތުން ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި އިއްޔެ އޮތް އަޑުއެހުމުގެ ތެރެއިން ޖޭއެސްސީއަށް ރައްދުކުރައްވައި ފަނޑިޔާރު ސުޢޫދު ވަނީ ގިނަ ސުވާލު ތަކެއް ކުރައްވައި، ސްޕްރީމް ކޯޓަށް އިދާރީ މުވައްޒަފުން ނުނަގާތީ ނުރުހުން ފާޅުކޮށްފައެވެ.
”އަޅުގަނޑުގެ ސުވާލަކީ، ދޮޅު އަހަރު، ދެ އަހަރު ވެގެންދާއިރު, ސްޕްރީމް ކޯޓަށް ސެކެރެޓަރީ ޖެނެރަލް އަކު އައްޔަން ނުކުރެވޭ ކަމަށް ވަންޏާ، އިދާރީ މުވައްޒަފަކު އައްޔަން ނުކުރެވޭ ކަމަށް ވަންޏާ، ކިހިނެއްތޯ ކޯޓުގެ އިންޑެޕެންޑެންސް؟ އެކަން ސްޕްރީމް ކޯޓަށް އަމިއްލައަށް ނުކުރެވޭ. ކޮންބައެއްތޯ އެކަމާ ޒިންމާ އުފުލާނީ. ދޮޅު އަހަރު ދެ އަހަރު މިވަނީ ސްޕްރީމް ކޯޓަށް ސެކެރެޓަރީ ޖެނަރަލް އަކު އައްޔަންކޮށްދޭތޯ އާދޭސްކުރާތާ. މިހެން އާދޭސްކުރާގޮތަށް މިކަން ބޭއްވުންތޯ އެއީ ގާނޫނު އަސާސީ ދެކޭ ގޮތަކީ. ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މި ތިބީ؟ ދެން ކޮން ވާހަކައެއް ތި ދައްކަނީ؟ މިއީ ކޮން ކަމެއްތޯ،“ ސުޢޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ޖޭއެސްސީ ޖުޑީޝަރީއަށް ހިންގޭނަމަ ރަނގަޅު ކަމަށާއި އެކަން އެގޮތަށް ނުކުރެވޭ ކަމަށެވެ. އެގޮތުން ރަނގަޅަށް އިދާރީ ގޮތުން ހިންގި، ކޯޓުތަކަށް މުވައްޒަފުންނަށް ގަވައިދުން ޑީޖޭއޭއަށް އައްޔަން ކުރެވޭނެ ނަމަ ބާރުތައް ނަންގަވައިގެން ތިބެން ރަނގަޅު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވ.
”…މި ތަން މި އޮތީ ހަމަ ހުއްޓިފައި. ހިންގުން އެއްކޮށް ހުއްޓިފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ. ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް.“ ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.
ސުއޫދު ކޯފާވެ ވަޑައިގެން ވިދާޅުވީ ކޯޓުތުތައް ހިންގުން ހުއްޓިފައިވާ ކަމަށާއި އިދާރީ ހިންގުުންތަކަށް މުވައްޒަފުން ނަގައިގެން ކޯޓުތައް ހިންގަން އެއްވެސް މިނިވަން ކަމެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
”އަށެއްކަ، ނުވަމަސް ދުވަހު އެދޭއިރުވެސް މިއުޅެނީ މިތަނަށްވެސް މުވައްޒަފުން ނުދެވިގެން. ދެން މިތަނަށް އައިސް މިބުނަނީ ތިމަންނަމެންނޭ ހިންގަނީ. އަޅުގަނޑުމެންނަކަށް ނެތް އަޅުގަނޑުމެންގެ މުވައްޒަފަކު އައްޔަނު ކުރެވޭކަށް، މިތަން ހިންގޭކަށް. މިތާތިބި ހަތް ފަނޑިޔާރުން ނޫން މީހަކު މިތާކު ނެތް. އިދާރީ މުވައްޒަފެއް ނެތް މިތާކު. ދެން ތިބުނަނީ ތިމަންނަމެންނޭ ޖުޑިޝަރީ ހިންގަނީ. ތިމަންނަމެންނޭ ހިންގާނީ. އެގޮތަށޭ ޤާނޫނުއަސާސީ ދެކެނީ. ދެން ކިހިނެތް ހަދަންވީ. ދެންތިބި އެހެން އިދާރީ މުވައްޒަފުން ކަނޑާލައިގެން ތި އުޅެނީ އެހެން ކޯޓުތަކުގައި ތިބި.“ ހިތްހަމަނުޖެހި ހުންނަވާ ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.
އޭގެފަހުންވެސް ޝަރީއަތުގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ ތަކުރާރު ކުރައްވާ ސުޕްރީމް ކޯޓަށް އިދާރީ އެންމެ އިސް މުވައްޒަފަކު ލިބޭނީ ކޮންއިރަކުންތޯ ސުވާލު ކުރައްވާފައެވެ. ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓިފައިވާކަމަށާއި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށެވެ. އެކަމަށް ފަރުވާއެއް ލިބޭނީ ކޮންއިރަކުންތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ.









