ރައީސް ޔާމީންގެ ސަރުކާރުން ދީފައިވާ ފްލެޓްތަކުގެ ލިޔުންތައް މިސަރުކާރުން ވަގަށް ނަގަން އުޅޭ ކަމަށް ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޑުއުފުލާ ޖަމިއްޔާއެއް ކަމަށްވާ ކޮމަނާސް އިން ތުހުމަތުކޮށްފިއެވެ.
އެޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިން ފްލެޓް ލިބި މިސަރުކާރުން ފްލެޓް ޖަހައިގަތް މީހުން އަތުގައި އޮތް ހަމަ އެކަނި އެއްޗަކީ ސްލިޕް ނޫނީ ލިބުނު ކަމުގެ ލިޔުން ކަމަށެވެ. އެ ފްލެޓުތައް ޖަހައިގަތީ މި ސަރުކާރުން ކަމަށާއި އެ ފްލެޓުތައް ޖަހައިގަނެގެން ފަސް އަހަރު ހޭދަ ކުރީ މިސަރުކާރުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންތަކުގައި މިހާރު އިދިކޮޅު ހުރިހާ ކެންޑިޑޭޓުން ދީފައި އަތުލި ފްލެޓުވެރިންގެ ހައްގު ހޯދައިދޭނެ ކަމަށް ދަނީ ބުނަމުންނެވެ. އެހެންކަމުން އެ ސްލިޕްކޮޅު ނުވަތަ ލިޔުން ސަރުކާރާއި ހަވާލު ކުރުމަށް ސަރުކާރުން އެދުނު ނަމަވެސް ނަމަނަމަ އެެއްވެސް ފަރާތަކުން އެ ލިޔުން ނުވަތަ ސްލިޕްކޮޅު ސަރުކާރާ ހަވާލު ނުކުމަށް އޭނާ ވަނީ ގޮވާލާފައެވެ.
މިދުއަމް ވިދާޅުވީ އަތުގައި ފަސް އަހަރު ބާއްވާފައި އޮތް އެލިޔުން ކޮޅުވެސް އަތުލުމަށް ފަހުން ގެއްލުވާލަފާނެ ކަމަށާއި ނުވަތަ ވަގަށް ނަގާފާނެ ކަމަށެވެ.
”މީ ނޭވާލާ ހޮޅިންވެސް ވައްކަން ކޮށް އެކަން ނުބެލުނު ބައެއްކަން ދަންނާށެވެ. ހަގީގަތަކީ ފްލެޓު ދިން މީހުން ގެޒެޓު ކުރީ ސަރުކާރުން ކަމެވެ. ކުރީ ލިސްޓުގައި ފްލެޓު ލިބި މިސަރުކާރުން ފަހުން އުނި ކުރި އެންމެން މިސަރުކާރަށް އެނގޭނެއެވެ. ވީމާ މީހުން އަތުގައި އޮތް ސްލިޕް ކޮޅު މިވެރިންނާއި ހަވާލު ކުރާކަށް ނުޖެހެއެވެ. އެ ނުދިނަސް އެމީހުން ސަރުކާރަށް އެނގޭނެއެވެ.“ މިދުއަމް ވިދާޅުވިއެވެ.
މިދުއަމް ވިދާޅުވީ ލިޔުން ނުވަތަ ސްލިޕްގެ އަސްލު ހަވާލުނުކޮށް ވީމާ ސްލިޕުގެ ކޮޕީއެއް އަދި ލިސްޓުން އެމީހެއްގެ ނަން ފާހަގަކޮށް އޭގެ ކޮޕީއެއް ސަރުކާރާއި ހަވާލު ކުރާށެވެ.
”ނަމަނަމަ ސްލިޕު ކޮޅު އެވެރިންނަށް ދޫކޮށް ނުލާށެވެ.“ މިދުއަމް ވިދާޅުވިއެވެ.
އިދިކޮޅުން މިމައްސަލައިގައި މިހާރު އަޑުއުފުލަމުންދާތީ އިއްޔެ ކުއްލި ގޮތަކަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް ދޫކޮށްފައިވާ ލިޔުން ހުށަހެޅުމަށް ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން އެންމެ ފަހު ވަގުތު ފުށިދިއްގަރު ފަޅުންނާއި އެ ނޫން ތަންތަނުން ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ ލިޔުން ދީފައިވާ ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.









