ދިވެހި ޤައުމާއި، ރައްޔިތުންގެ ހައްގުގައި ފުރާނަ ދުއްވާލަންވެސް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ނ. ހޮޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހި ޤައުމާއި، ރައްޔިތުންގެ ހައްގުގައި ފުރާނަ ދުއްވާލަންވެސް ހުންނެވީ ތައްޔާރަށް ކަމަށާއި، މިމަސައްކަތުގައި ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މި ސަރުކާރުން ފާޅުގައި އިސްލާމީ އުސޫލުތައް ތަންފީޒުކުރުމާއި ދެކޮޅު ހަދާފައިވާ ކަމަށާއި ކޯލިޝަންގެ ގޮތުގައި އޮތްއިރު އެއްބަސްވުމާއި ތަކުރާރުކޮށް ހިލާފުވެފައިވާކަމަށެވެ. އަދި ޤައުމުގެ ތަރައްޤީއަށް ދެން އަންނަ ދައުރެއްގައި ކަންތައް ކޮށްދެއްވާނެ ކަމަށް ބުނެ ރައީސް ސޯލިހު ދަނީ ރައްޔިތުން ބްލެކްމެއިލް ކުރަމުން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
އަދި ހަމައެއާއެކު މިހާތަނަށްވެސް އަދި ކުރިއަށްއޮތްތަނުގައި ގާސިމް ކުރައްވާނީ ރައްޔިތުންގެ ހައްގުގައި އިސްލާހީ މަސައްކަތްޕުޅު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑު ކުރިމަތިލީ މިދެންނެވި ކަންތައްތަކުގެ އިސްލާހީ ބަދަލު ގެނެސްދޭން. 1984 ވަނަ އަހަރުންސުރެ ކުރި މަސައްކަތް ގެއްލި ހަލާކުވެ ރައްޔިތުން އަގުރު އަލިފާނަށް ވެއްޓޭތީ އެތަން ފެންނާތީ އެކަމުން ސަލާމަތްކޮށްދޭން. ރައްޔިތުންނަށް އަމާން އޮމާން މުސްތަގުބަލެއް ގެނެސްދޭން ފުރާނަ ދުއްވާލަންވެސް މިހުރީ ތައްޔާރަށް. ފަހަތަކަށް ނުޖެއްސޭނެ.“ ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިއަދު ރައްޔިތުން އެދޭ ކަންތައްތައް ކޮށްދެވޭނެ ތައުލީމާއި ތަޖުރިބާ އާއި ހިތްވަރު އެމަނިކުފާނުގެ ގައިކޮޅުގައި އެބަހުރި ކަމަށެވެ. މިހާރު ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ބަލާއިރު ވެރިކަމަށް އެންމެ ޤާބިލް ބޭފުޅަކީ އޭނާ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުން ނުކުމެ ޤައުމުގެ ތަރައްޤީއަށްޓަކައި ޤައުމު މިނިވަން ކުރުމަށް އެއްބުރުން އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ގާސިމް ވަނީ އެދިފައެވެ.









