މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވެންސް ބޮޑުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރި ގޮތުގައި މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވެންސް، އަސާސީ މުސާރައިގެ %35އަށް މިވަނީ ބޮޑުކޮށްފައެވެ.
އެގޮތުން މި ހިނގާ އޯގަސްޓް މަހުން ފެށިގެން ބޮޑުވި އެލަވެންސް ކޯޓުތަކުގެ މުވައްޒަފުންނަށް ލިބޭނެކަމަށް ޑީޖޭއޭއިން ބުނެއެވެ.
މި ގެނައި ބަދަލަކީ 2015 ވަނަ އަހަރަށްފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ. މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުގެ ތެރެއިން 11 މެޖިސްޓްރޭޓް ކޯޓަށެވެ.
މި ބަދަލާއެކު ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ހަމަޖެހި 800 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ.
މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅުއްވީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ. ޖޭއެސްސީން ހުށަހަޅާފައިވާ ހުށައެޅުމުގައި މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާއެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީންވެސް ވަނީ ހުއްދަ ދެއްވާފައެވެ.
މަޖިލީހުގެ މި ޖަލްސާގައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުށަހަޅާފައިވަގޮތަށް ހަތަރު މަސް ދުވަހަށް ގާޟީންނަށް އާ އިނާޔަތެއް ދިނުމަށްވެސް ފާސްކޮށްފައެވެ. މި މައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ނިންމިގޮތަށް އެ އިނާޔަތް ދިނުމަށް މަޖިލީހުގެތަޅުމުން ފާސްކުރީވެސް 57 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ މި ނިންމުމާއެކު ކްރިމިނަލް ކޯޓުގައި އިތުރު ވަގުތު މަސައްކަތް ކުރާ ގާޟީންނަށް އެމަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދެވޭނެއެވެ. އެއީ ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ 1،182 މައްސަލަ ނިންމުމަށެވެ.
އެ ރޭޓުން އިނާޔަތް ދީފިނަމަ އެ މުއްދަތުގައި އިތުރަށް ހަރަދުވާނީ 600،000 ރުފިޔާއެވެ. ފަނޑިޔާރުންގެ މުސާރައާއި އިނާޔަތަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.









