ފާއިތުވި ފަސް އަހަރު ދުވަހު ކުރެވުނު މަސައްކަތުން ރާއްޖެ އަމާންތަނަށް ހެދިފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ލ.މާވަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މިފެންނަ އަމާންކަމަކީ މިފާއިތުވި ފަސް އަހަރު ކުރެވުނު މަސައްކަތުން ލިބިފައިވާ އަމާން ކަން ކަމަށާއި ފުލުހުން ބަލަހައްޓާ ކުށުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ކުރީގެ ވެރިކަން ތަކާއި އަޅާ ބަލާއިރު މިފާއިތުވި ފަސްއަހަރު ކުށްތައް މަދުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތަފާސް ހިސާބުތަކުގެ މިޢަދަދުތަކަށް ބެލުމުން އެނގިގެންދަނީ ރާއްޖޭގެ ހަމަޖެހުމަށްޓަކައި ކޮންމެވެސް ކަންތައްތަކެއް ކުރެވިފައިވާ ކަން ކަމަށެވެ.
ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވީ މިހާރު މިދަނީ އޭރު ދުށް ޖަޒީރާ ރާއްޖޭގެ މަންޒަރު ފުރިހަމަވަމުން ކަމަށާއި ކުރިއަށް ދެންއޮތީ އުފާވެރި އަމާން ރާއްޖެއަކަށް ކުރާ ދަތުރު ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ 2018ގެ އިންތިޚާބަށް ނުކުމެ ވަޑައިގަތީ އޭރުއޮތް އަނިޔާވެރިކަމާއި ބިރުވެރިކަން މާޒީގެ ތެރެއަށް ގެންދިޔުމަށް ކަމަށެވެ. އަދި މިއަދު ދިވެހިން މިދެކޭ ހެޔޮ ބަދަލު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުނީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ނުވަދެ، އަމާޒަކީ ރައްޔިތުންނަށް ޚިދްމަތް ކުރެއްވުން ކަމަށް ހެދުމުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަދި މިއަދު ޚިޔާލު ފާޅު ކުރުމާއި ޝުޢޫރުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަން އެބައޮތް ކަމަށާއި އެއީ އެއްވެސް މައްސަލަ އެއް ނޫން ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.









