ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ރ މީދޫގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދުއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، މީދޫގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނޭ ކަމަށާއި އަދި އެ މަނިކުފާނުގެ ސަރުކާރެއްގައި މީދޫގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި ފުރިހަމަ އިޖާބައެއް ދޭނެ ކަމުގައެވެ.
މުއިއްޒުގެ ވާހަކަފުޅުގައި މީދުއަށް ކޮށްދެއްވާނެ އިތުރު ކަންކަން ފާހަގަކުރައްވައި އެރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ރަށު ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް އެ މަނިކުފާނުގެ ސަރުކާރެއްގައި ހިއްކައިގެން އެ މައްސަލައަށް ހައްލެއް ގެނެސްދޭނެކަމުގައެވެ.
އަދި މީގެ އިތުރުންވެސް އެރަށު ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެސްދޭން ޖެހޭ ކަމަށް ދެކިލައްވާ ކަމަށާއިި އެ މައްސަލައަށް ވެސް ހައްލެއް ގެނެސްދޭން ކަމުގެ ޔަގީންކަން މުއިއްޒު ވަނީ މީދޫގެ ރައްޔިތުންނަށް އަރުވައިފައެވެ.









