Search Streamline Icon: https://streamlinehq.com

ޗައިނާއާ އެކު ބާއްވާ ގުޅުމުން އަޅުގަނޑުމެންނަށް ލިބޭނީ ފައިދާ، މިނިވަންކަމަށް ބުރުލެއް ނާރާނެ: މުއިއްޒު

Dr. Muizzu

ޗައިނާއާ އެކު ބާއްވާ ގުޅުމުން އަޅުގަނޑުމެންނަށް ލިބޭނީ ފައިދާކަމަށާއި އެގުޅުމަކުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރުލެއް ނާރާނެކަމަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޗައިނާއާ އެކު އޮތް ގުޅުން ކުރިއެކޭ އެއްގޮތަށް، އޭނާގެ ވެރިކަމެއްގައި ވަރުގަދަކުރައްވާނެ ކަމަށާއި އެ ގުޅުމަކީ ރާއްޖެއަށް ފައިދާވި ގާތް ގުޅުމެއް ކަމަށެވެ.

އަދި އެ ގައުމާ އެކު އޮތް ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ފަދަ ޒައްރެއްގެ މިންވަރުގެ ކަމެއް ވެސް ކޮށްފައިނެތް ކަމަށާއި އެހެންކަމުން، އެއީ އޭނާގެ ސަރުކާރެއްގައި ވެސް ބަދަހިކުރާނެ ގުޅުމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

”ޗައިނާއާ އެކު ބާއްވާ ގުޅުމުން އަޅުގަނޑުމެންނަށް ލިބޭނީ ފައިދާ، މިނިވަންކަމަށް ބުރުލެއް ނާރާނެ،“ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވި ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފައްޓަވާނެ ކަަމަށާއި އެންމެ ފުރަތަމަ އެކަން ކުރައްވާނީ ޑިޕްލޮމެޓިކް އުސޫލުން ކަމަށެވެ. އަދި އޭގެ ފަހުން އެހެން ގޮތްތައް އިހްތިޔާރުކޮށްގެން ވިޔަސް، އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުން ކަމަށެވެ. އެހެންކަމުން އެ ސިޔާސަތުގެ ދަށުން މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އަޑި ނޭނގޭ ހުރިހާ އެއްބަސްވުންތަކެއް ބަލާ، އުވާލަން ޖެހޭ އެއްބަސްވުންތައް އުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *