ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މި ސަރުކާރުން ގެނައި ތަރައްޤީގެ މަޝްރޫޢުތަކާ މެދު ދިވެހި ރާއްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައިކަމަށް އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެގެން ރޭ ކުރިއަށްގެންދިއަ އެމްޑީޕީގެ ”އުފާވެރި މާލެ“ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ 16 އަތޮޅަކަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށާއި އަދި އެތަނުން ތިން އަތޮޅު ފިޔަވައި، ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ހުރިހާ ރަށަކުންވެސް ފެންނަނީ މި ސަރުކާރުން ގެންނަ ތަރައްޤީގެ މަޝްރޫޢުތަކާއި މެދު ރުހިގެން ހިތްހަމަ ޖެހިގެން ތިބޭ މަންޒަރުކަމަށެވެ.
ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ފެންނަނީ ބޮޑު ހެޔޮ ބަދަލުތަކެއް ރަށްތަކަށް އައިސްފައިވާ މަންޒަރުކަމަށާއި ސިޔާސީ ހަމަޖެހުމުގެ ފައިދާ، ހުރިހާ ދިމާއަކަށް ފޯރާފައި އޮތްތަންކަމަށެވެ. އަދި ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި، އަޅުގަނޑުމެން ގެނައި ތަރައްގީގެ މަޝްރޫއުތަކާ ދޭތެރޭގައި ރައްޔިތުން ތިބީ ރުހި ހިތްހަމަޖެހިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން ތިބީ ވަކިގޮތަކަށް ނިންމައިގެންކަމަށާއި އެއީ، މިރޭ ތިޔަބޭފުޅުންވެސް ތިއްބެވިގޮތްކަމަށެވެ. އަދި އިރާދަކުރެއްވިޔާ އެމްޑީޕީއާ ގުޅިފައިވާ ޕާޓީތައް ނޫން ބައެއް، އެއްބުރުން ނޫން ބުރެއް މިފަހަރަކު ނެތްކަމަށާއި މުޅި ރާއްޖޭގެ ރަސްމީ ނަތީޖާ ރަމްޒުވަނީ، ފުރަމާލޭގައި މިރޭ މި ބޭއްވޭ ޖަލްސާގެ މި މަންޒަރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
”ފެންނަނީ ބޮޑު ހެޔޮ ބަދަލުތަކެއް ރަށްތަކަށް އައިސްފައިވާ މަންޒަރު. ސިޔާސީ ހަމަޖެހުމުގެ ފައިދާ، ހުރިހާ ދިމާއަކަށް ފޯރާފައި އޮތްތަން. ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި، އަޅުގަނޑުމެން ގެނައި ތަރައްގީގެ މަޝްރޫއުތަކާ ދޭތެރޭގައި ރައްޔިތުން ހިތްހަމަޖެހިފައި ތިބޭ މަންޒަރު.“









