މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް ބަލާއިރު ނަތީޖާ ނެރެދޭނެ، ހަމަ އެކަނި ބޭފުޅަކީ ޑރ މުއިއްޒު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޑރ މުއިއްޒު ހައްދުންމައްޗަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ފޮނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ.
އަބްދުއްރަހީމް ވިދާޅުވީ މި އިންތިޚާބުގައި ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް ބަލާއިރު ނަތީޖާ ނެރެދޭނެ، އަދި އެކަމުގެ ޓްރެކް ރިކޯޑު އޮތް ހަަމައެކަނި ބޭފުޅަކީ ޑރ މުއިއްޒު ކަމަށެވެ. އިލްމާ، ތަޖުރިބާއާއި، ހުނަރުވެރިކަމާއި، އެކުގައި މަސައްކަތް ކުރަން އޮތް ޓީމަށް ބައްލަވާލި ނަމަވެސް ޑރ މުއިއްޒާއި ވާދަކުރެވޭ ވަރުގެ ކެންޑިޑޭޓެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެން ކަމުން މި އިންތިޚާބުގައި ގޮތް ނިންމަން ރައްޔިތުން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އިތުރު ބުރުތަކަށް ނުގެންގޮސް މި އިންތިޚާބު 9 ސެޕްޓެމްބަރުގައި ލާ ވޯޓުން ނިންމާ ދިވެހީންގެ ރާއްޖެ ހޯދުމުގެ މަސައްކަތް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ހަވާލުކޮށްދެއްވުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ މީ ދެވަނަ ބުރަކަށް ގެންގޮސް ރައްޔިތުންގެ ތަރައްގީގެ ކަންކަމަށް ހުރި ފައިސާ އިސްރާފުކުރަން ޖެހޭ ވަރުގެ އިންތިޚާބެއް ނޫން ކަމަށެވެ. އަދި ރައްޔިތުން މި އިންތިޚާބު ދެވަނަ ބުރަކަށް ގެންގޮސް ފައިސާ އިސްރާފުކުރަން ބޭނުންނުވާނެ ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.









