ސާވޭއެއް ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދަމުން ގެންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ދަރިވަރުންނަށް އަމާޒުކޮށް ސާވޭ ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީކާޑު ކޮޕީ ހޯދަމުން ގެންދާކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބޭ ކަމަށެވެ.
މިފަދަ ރަސްމީ ޑޮކިއުމެންޓްތަކުގައި ހިމެނޭ ޒާތީ މައުލޫމާތަކީ އެކި ސްކޭމްތައް ހިންގުމަށް ނުވަތަ އައިޑެންޓިޓީ ތެފްޓް ފަދަ އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ބޭނުން ކޮށްފާނެ މައުލޫމާތުތަކެއް ކަމަށް އެ މުއައްސަސާއިން ބުނެއެވެ.
ފުލުހުން ވަނީ މިފަދަ ޒާތީ މައުލޫމާތު ހިމެނޭ ލިއުންތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުުރުމަށް އިލްތިމާސްކޮށްފައެވެ.
މިފަހަކަށް އައިސް އެކި ނަންނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވެފައިވެއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ނަމުގަޔާއި، އެސްޓީއޯގެ ނަމުގަޔާއި، އެކި އެކި މުއައްސަސާ ތަކުގެ ނަމުގައި ސްކޭމްތައް ހިންގާފައިވެއެވެ. ބައެއް ފަހަރު ޒާތީ މައުލޫމާތު ހޯދައިގެން އެހެން މީހެއްގެ ނަމުގައި ސްކޭމްތައް ހިންގައެވެ. އެގޮތަށް ހިންގާ ސްކޭމްތަކުން އެތައް ބަޔަކަށް މާލީ ގެއްލުންތައް ވަނީ ކުރިމަތިވެފައެވެ.
މިދުވަސް ވަރަކީ ރާއްޖޭގެ ރިޔާސީ އިންތިހާބު ދުވަސްވަރު ކަމަށް ވެފައި އައި.ޑީ.ކާރޑް އެކި އެކި ގޮތްގޮތަށް ހޯދަމުންދާ ވާހަކައާއި، ގަންނަމުންދާ ވާހަކަ ވަނީ ފެންމަތިވެފައެވެ.
އެކަމާ ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ ޒާތީ މައުލޫމާތު އިތުބާރު ނުކުރެވޭ އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުފިތުމަށް އެދެމުންނެވެ.









