އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އިންޑިޔާއިން ބުނެފިއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިހެން ވިދާޅުވީ ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް އަށް ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ. ޣައްޒާގެ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި އާންމުންގެ ގިނަ ބައެއްގެ ފުރާނަ ގެއްލުމާ ގުޅިގެން މޯދީ ވަނީ ތައުޒިޔާ ދަންނަވާފައެވެ.
މޯދީ ވިދާޅުވީ އިސްރާއިލާއި ހަމާސްއިން ކުރަމުންދާ ހަނގުރާމައިގައި ހިންގަމުންދާ ޓެރަރިޒަމް ހަރަކާތްތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ސާލާމަތީ ހާލަތު ގޯސް ވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.. އަދި އިސްރޭލާއި ފަލަސްތީނުގެ މައްސަލައިގައި އިންޑިއާއިން ޒަމާނުއްސުރެ ގެންގުޅޭ އުސޫލުތަކުގެ ވާހަކަ މޯދީ ވަނީ އައްބަސްއާ ދެއްކެވި ވާހަކައިގައި ތަކުރާރު ކުރައްވާފައެވެ.
ހަނގުރާމަ ފެށިގެން ދެ ހަފްތާ ނިމިގެންދާއިރުވެސް މިހަނގުރާމައިގެ ކޮޅުމަތި ނުފެނެއެވެ. އިސްރާއީލުން ދަނީ އެއްގަމު މަގުން ޣައްޒާއަށް ވަނުމަށް ތައްޔާރީތައް ވަމުންނެވެ.
ހަމާސްގެ ކުރީގެ ލީޑަރު އަދި ފައުންޑަރު އަބްދުލް އަޒިރު އަލް ރަންތީސީގެ ހުވަފަތް އަނބިކަނބަލުން އުމުރުން 68 އަހަރުގެ ޖަމީލާ އަލް ޝާންތީ ވެސް ރޭގެ ހަމަލާގައި ޝަހީދުވި ކަމަށް ހަމާސް އިން ބުނެއެވެ. ރަންތީސީ ޝަހީދު ކޮށްލާފައި ވަނީ 2004 ގެ އޭޕްރީލްގައެވެ.
އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު 3،785 އަށް އަރާފައިވާ އިރު އޭގެރެތެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
ޒަހަމްވި މީހުންގެ އަދަދު 12،000 އަށް ވުރެ މައްޗަށް އަރާ އިރު ކޮންމެ 10 މީހަކުން އެކަކީވެސް ކުޑަކުއްޖެކެވެ.









