އިސްރާއީލާއި ދެކޮޅަށް ކުރަންޖެހޭ ކޮންމެ ކަމެއް ފަސްނުޖެހި ކުރާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިން އަބަބދުވެސް ތިބޭނީ ފަލަސްތީނާއި އެއްކޮޅަށް ކަމަށާއި އިސްރާއީލާއި ދެކޮޅަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.
އާޒިމް މިހެން ވިދާޅުވެފައި މިވަނީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެެވެ.
އާޒިމް ވިދާޅުވީ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ދައުލަތުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް މުސްލިމު ޢުންމަތުން ކުރެވެންހުރި ކޮންމެކަމެއް ކުރަންޖެހޭކަމަށެވެ.
”އަޅުގަނޑުމެންނަކީ ދިވެހިން، އަޅުގަނޑު މެންނަކީ މުސްލިމުން! އަޅުގަނޑުމެންގެ ޤާއުމު ކުޑަނަމަވެސް އަޅުގަނޑުމެންގެ އަޑު ދުނިޔޭގައި ގަދަވާނެ.“ އާޒިމް ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ފަލަސްތީނުގެ މީހުންނަށް ނަސްރު ލިބި އިންސާފު ލިބެންދެން ފަލަސްތީނާއެކުގައި ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ފަލަސްތީނަށް އެހީތެރިވުމަށް ރާއްޖޭގައި ހިންގާ ކޮންމެ ހަރަކާތެއްގައި ބައިވެރިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
https://x.com/adamazim/status/1714973640310284700?s=20
ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ހާމަކުރަން ރާއްޖޭގައި ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މީގެތެރޭގައި މީޑިއާތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް ހިމެނެއެވެ. އަދި ފަންޑްރައިސްކުރުމަށް ހިންގާ ހަރަކާތްތަކުންވެސް ދަނީ އެތައް މިލިއަން ރުފިޔާއެއް ހޯދަމުންނެވެ.
މިއަދު އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދު ކޮށްލާފައި ވާއިރު މިހާތަނަށް 3785 މީހުން ޝަހީދުވެފައި ވާކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 1524 ކުޑަކުދިން ހިމެނޭއިރު 1000 މީހުންނަކީ އަންހެނުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.









