އިސްރާއީލުން ރޭ ޣައްޒާއަށް ދިން ބޮމުގެ ހަމަލާއެއްގައި 400 މީހުން ޝަހީދުވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން ރޭ ދިން ވަރުދަގަ ބޮމުގެ ހަމަލާގައި އަލް ޝިފާ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުގެ އިތުރުން ޣައްޒާގެ އިތުރު ދެ މެޑިކަލް ފެސިލިޓީގެ ތެރޭގައި ތިބި މީހުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ޖަބަލިއާ ރެފިއުޖީ ކޭމްޕަށާއި ޣައްޒާގެ އަލް ޝިފާ އާއި އަލް ގުުދުސް ހޮސްޕިޓަލް ކައިރިއަށް ވައިގެ ހަމަލާތަކެއް ދިން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކުގައި 400 މީހުން ޝަހީދުވެފައިވާއިރު އެންމެ ދެ ހަފްތާގެ ތުއްތު ކުއްޖަކު ވަނީ ޝަހީދުކޮށްލާފައެވެ.
މި ހަނގުރާމައިގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމުގައި ޣައްޒާގެ ހޮސްޕިޓަލްތައް ފުރި ބާރުވެފައިވާ މި ދަނޑިވަޅުގައި ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުންވެސް ކަރަންޓު ކެނޑިދާނެ ކަމުގެ އިންޒާރު ވަނީ ލިބިފައެވެ. އެގޮތުން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޑޮކްޓަރު ވިދާޅުވީ ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ އެ ހޮސްޕިޓަލުން ތެޔޮ ހުސްވާނެ ކަމަށާއި އޭރުން ބަލި މީހުންނަށް ފަރުވާދިނުމަށް ވަރަށް އުނދަގޫވާނެ ކަމަށެވެ. އދ. އިން ފޮނުވި އެހީތައް ޣައްޒާ ހަމަޔަށް ނާންނަނީސް ހޮސްޕިޓަލުން ތެޔޮ ހުސްވެ އޮޕަރޭޝަންތައް ހުއްޓުމަކަށް އަތުވެދާނެތީ އެކަމާ ޑޮކްޓަރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
ޣައްޒާގައި ޒަހަމްވެފައިވާ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަން ގެނެސްފައި ވަނީ އަލް ޝިފާ ހޮސްޕިޓަލަށެވެ.
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 4،651 މީހުން ޝަހީދުވި އިރު އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް އިން އިސްރާއީލްގައި ދިން ހަމަލާތަކުގައި ވަނީ 1،400 އަށް ވުރެ ގިނަ މީހުން މަރާލައިފައެވެ.









